އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާއަށް ވަޑައިގެންފި އެވެ.
އިއްޔެ އިން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ މި ދަތުރުފުޅުގައި ޝަމާލް މިއަދު ވަނީ އިންޑިއާގެ ނެޝަނަލް ވޯ މެމޯރިއަލްއަށް ޒިޔާރަތްކުރައްވައި، ޝަހީދުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އެ މެމޯރިއަލްގައި މާބޮނޑިއެއް ބާއްވަވާފަ އެވެ.
މިޒިޔާރަތާ ގުޅިގެން ޝަމާލްގެ ޝަރަފުގައި އިންޑިއާ ސިފައިން ގާޑް އޮފް އޮނާއެއް އެރުވި އެވެ.
ޝަމާލްގެ ދަތުރުފުޅުގައި މިހާރު ވަނީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ އިތުރުން އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޮވާލްއާއި، ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް އާރް ހަރީ ކުމާރު އަދި ޗީފް އޮފް އެއާ ސްޓާފް، އެއާ ޗީފް މާޝަލް ވީއާރް ޗައުދަރީއާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުންތަކުގައި ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތަކާއި އަދި އެމްއެންޑީއެފްގެ ގާބިލްކަން އިތުރުކުރުމުގައި އިންޑިއާގެ އަސްކަރިއްޔާ އިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ. ކުރިމަގުގައިވެސް ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން އިތުރަށް އެއްބާރުލުން ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ.
މީގެއިތުރުން ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިއްމު ކަމާ ގުޅޭތުންވެސް މިބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެއްވި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯ އަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް މިއަދު ޒިޔާރަތްކުރައްވާފައިވެ އެވެ.