ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރިއަށް އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު މިމައުލޫމާތު ހާމަކޮށްފައި މިވަނީ ރައީސް ސޯލިހް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތައްޔާރުވަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ކުރިއަށް ގެންދަވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ރައީސް ސޯލިހް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ސޯލިހްގެ ،މިދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
ރައީސް ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް އިންޑިއާ އަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސް ސޯލިހް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ނޮވެމްބަރު 17، 2018ގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި އޭގެފަހުން ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވުމަށްފަހު މޯދީ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް ރާއްޖެ އަށެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. ނަމަވެސް މިގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަންކަން އިންޑިއާ އިން ކުރަމުންދާ ކަމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.