އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ އެކު މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައި މިވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކުުރުމާ ގުޅިގެންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓްގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވަނީ މިއަހަރު ނިމުމުގެ ކުރިން އައްޑޫގައި ކޮންސިއުލޭޓް ގާއިމުކުރުމަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ އައްޑޫގައި ކޮންސިއުލޭޓެއް ހެދުމަށް އިންޑިއާ ސަރުކާރުން އަދި މިހާތަނަށް ދިވެހި ސަރުކާރާ އެކު މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމު ތަކުގެ މެދުގައި ހުންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް ހުށަހަޅާ ކަންތައްތަކެއް ފުރިހަމަކުރުމަށްޓަކައި ދެކެވެންޖެހޭ ވާހަކަތަކެއް ދެކެވޭނެ ކަމަށެވެ. އެކަމަކު އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު ވެސް އަދި އެހެން ގައުމުތަކާ އެކު ވެސް ވަރަށް ރަނގަޅު ގުޅުންތަކެއް އެބައޮތް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު އެގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހަދާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
"އެހެންވީމާ އެއް ގައުމަކުން ފޯރުކޮށްދޭ އެކަހަލަ ވަސީލަތްތައް އަނެއް ގައުމެއްގައި އެ އޮންނަ ގައުމަކުން އެދިއްޖެ ކަމަށް ވަންޏާ އެއާ ދޭތެރޭގައި ވިސްނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އިންޑިއާގެ ހުށަހެޅުން ލިބިއްޖެނަމަ ސަރުކާރުން އެކަމާ ވިސްނާނެ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ކެބިނެޓުން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން"ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވުމުން ކަމަށެވެ.
އިންޑިއާ ސަރުކާރުން ބުނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ބޭނުންވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާނީ އެ މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ދިނުމުން ކަމަށެވެ. ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމުން އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ އައްޑޫގެ ރައްޔިތުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެފައިވެ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ނިންމާފައި މިވަނީ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އެ ގައުމުގެ އެހީގައި އައްޑޫގައި ފަށާފައި ވަނިކޮށެވެ.