ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު ނިކުމެވަޑައިގެން އުފެއްދެވި ދޮގު ވާހަކަތައް ގަބޫލުކޮށް އެމަނިކުފާނާއި އާއިލާއަށް އަނިޔާވެރި ބަސްތަކާއި އަމަލުތައް ރައްދު ކުރި ހުރިހާ އެންމެންނަށް މާފު ދެއްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިިކު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ 7، 2012 އިން ނޮވެންބަރު 17، 2013 އަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ރައީސް ވަހީދު މިހެން ވިދާޅުވީ ރައީސް ނަޝީދު ދެއްކެވި ތަފާތު ވާހަކަތައް އަޑު އަހާ އެމަނިކުފާނަށް ފުރައްސާރައިގެ ބަސްތައް ރައްދު ކުރެވިފައިވާ ކަމަަށާ އެކަމަށް ރައީސް ވަހީދުގެ ކިބައިން މާފަށް އެދޭކަން ހާމަކޮށް އާންމުންގެ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވަހީދުގެ ޖަވާބުގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ރައީސް ނަޝީދު އުފެއްދެވި ދޮގު ވާހަކަތައް ގަބޫލުކޮށް އެމަނިކުފާނާއި އާއިލާއަށް އަނިޔާވެރި ބަސްތަކާއި އަމަލުން ރައްދު ދިން ހުރިހާ އެންމެންނަށް މާފު ދެއްވާ ކަަމަށެވެ. އަދި އެމަނިކުފާނުގެ ރައީސް ކަމުގައި އެއްވެސް މީހަކަށް ނުހައްގުން އަނިޔާއެއް ލިބިފައިވާނަމަ އެ ކަމަށް މާފު ކޮށްދެއްވުން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ ވެރިރަށުގައި ކުރިއަށް ދިޔަ ސިލްސިލާ އިހުތިޖާޖުތަކަކަށް ފަހު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ. ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވީ އިތުރަށް އެ މަގާމުގައި ހުންނަވައިފިނަމަ ދިވެހިރާއްޖެ އަށް ނުހަނު ބޮޑު ގެއްލުން ވެދާނެ ކަމަށް ފެންނާތީ އިސްތިއުފާ ދެއްވާ ކަމަށެވެ. އެ ފަހުން އެމަނިކުފާނުގެ ނާއިބު، ޑރ ވަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ފައްޓަވާފައެވެ.
ނަމަވެސް ޖެހިގެން އައި ފެބްރުއަރީ 8، 2012 ގައި ދަރުބާރުގޭގައި އެމްޑީޕީގެ ގައުމީ މަޖިލީސް އެއްވެ ރައީސް ނަޝީދު ވަނީ ވެރިކަން ބަދަލު ކުރީ ގަދަ ބާރުން ކަމަށާ އެއީ ބަޣާވާތެއް ކަމަށް އިއުލާނު ކުރައްވާފައެވެ. ރުޅިގަދެވެފައި ތިބި އެމްޑީޕީގެ އެެތައްހާސް ސަޕޯޓަރުންނާއެކު ނަޝީދު ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރައްވާފައެވެ. އަތޮޅުތެރޭގެ ބޮޑެތި ރަށްރަށުގައި ހަމަނުޖެހުން ހިންގާ ދައުލަތުގެ މުދަލުގައި ހުޅު ޖަހާ އަންދާލި އެވެ. މާލޭގައި އޮތް މުޒާހަރާ ކޮންޓްރޯލް ކުރަން ސިފައިންނާއި ފުލުހުން ނިިކުމެ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ވަރަށް ގިނަ ބަޔަކަށް ބޮޑެތި އަނިޔާވި އެވެ. ރައީސް ވަހީދުގެ ވެރިކަމުގައި ހިނގާދިޔަ އެންމެ ނުރަނގަޅު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ އެކަމެވެ.
ރައީސް ވަހީދުގެ ވެރިކަމަކީ މި ފަހުން ރާއްޖެ ދުށް އެންމެ ހަލަބޮލި ދުވަސްތަކެވެ. އެ ދުވަސްތަކުގައި އެމަނިކުފާނު އަމަލު ކުރެއްވި މަޑުމައިތިރި ގޮތްތަކާއި ގެންގުޅުއްވި ސިޔާސަތުތަކަށް ދިވެހީންގެ ގިނަ ބަޔަކު ތައުރީފު ކުރެއެވެ. ނަމަވެސް ރައީސް ނަޝީދު އުފެއްދެވި ތަފާތު ވާހަކަތަކާއި ގުޅިގެން މި ފަހާ ޖެހެންދެންވެސް އެމަނިކުފާނުގެ ވަފާތެރި ސަޕޯޓަރުން ގެންދެވީ ރައީސް ވަހީދާއި އެމަނިކުފާނުގެ އާއިލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރަމުންނެވެ.