މިޔަންމާ / ބަރުމާގައި މިއަދު ގެނައި އަސްކަރީ އިންގިލާބާ، ރާއްޖޭގައި މަޝްހޫރު 7 ފެބުރުއަރީގެ ހާދިސާއާ އެއްވަރު ކުރުމަކީ ދިވެހި ސިފައިންނަށް ގޯނާ ކުރުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ހަސަން މަނިކު ވިދާޅު، ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ރައީސް ވަހީދަކީ ފެބުރުއަރީ 7، 2012 ގައި ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވި އިރު އެ މަނިކުފާނުގެ ނައިބު ރައީސް އަދި ފަހުން ވެރި ކަމަށް ވަޑައިގެންނެވި ލީޑަރެވެ.
މިޔަންމާއަށް މިއަދު ގެނައި އަސްކަރީ ބަޣާވާތާއި ރާއްޖޭގެ ވެރިކަން 7 ފެބްރުއަރީގައި ބަދަލުވި ހާދިސާއާ ވަރުން އަޅުވައި އެ ދެ ހާދިސާ އެއްފަދަ ކުރައްވައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވާހަކަ ގިނަ ކުރައްވާފަ އެވެ. ނަޝީދު މިއަދު ވިދާޅުވީ މިޔަންމާއަށް މިއަދު ގެނައި ބަޣާވާތާ 2012 ވަނަ އަހަރު އެ މަނިކުފާނުގެ ވެރިކަމުގައި އައި ފެބުރުއަރީ 7 ގައި ހިނގައި ދިޔަ ހަމަ ނުޖެހުންތަކަށް ފަހު އެ މަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ހާދިސާއާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ "މިޔަންމާގެ މިލިޓަރީ އިންގިލާބާ ފެބުރުއަރީ 7 ގެ ރިޔާސީ އިސްތިއުފާއާ އެއްވަރު ކުރުމަކީ ދިވެހި ލޮބުވެތި ސިފައިންނަށް ގޯނާ ކުރުން" ކަމަށެވެ.
ރައީސް ވަހީދުގެ އެހެން ވިދާޅުވެ ޓްވީޓް ކުރެއްވުމުން 6 ފެބުރުއަރީގެ ރޭގަނޑުގެ ވަގުތުތަކުގަ އާއި 7 ފެބުރުއަރީގައި ވެސް ރައީސް ނަޝީދުގެ އަރިހު ގިނަ ވަގުތު ހޭދަ ކުރެއްވެވި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ވިދާޅުވީ ރައީސް ވަހީދު ވިދާޅުވީ ވަރަށް ބޮޑު ތެދެއް ކަމަށާއި "ސިފައިންގެ އިސްތަށިފުޅުގައި އެވަރު ބޮޑު ބަދުނާމެއް އަޅުވަން އެ ދުވަހު އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަފުޅުތަކުގެ ހަގީގަތް ބަލަން ޖެހޭނެ" ކަމަށެވެ.
އަލްހާން އަދި ވިދާޅުވީ ރައީސް ވަހީދު ކުރެއްވެވި ވެރިކަން ސައްހަ ނޫން ކަމަށް ބުނާ މައްސަލައަށް ޝަރުއީ ހުކުމެއް ވެސް ބޭނުންވާ ކަމަށެވެ.
މިޔަންމާއަށް ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު މިއަދު ވާހަކަފުޅު ދެއްކެވި އިރު އެމަނިކުފާނަކީ އަބަދު ވެސް އަންގްސަން ސޫޗީއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އެކަމަނާ ދިފާއު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއެކޭ އެއްގޮތަށް މިޔަންމާ އާއި އެމެރިކާ އަދި އެހެން ހުރިހާ ތަނެއްގައި ވެސް ބަޣާވަތް ކުރަން ކެރޭ މީހުން އުޅޭ ކަމަ ށެވެ. ޑިމޮކްރެޓިކް އިންސްޓްޓިއުޝަންތައް އިސްލާހު ކުރަން ޖެހެނީ އެ ސަބަބާހުރެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ސޫޗީ ހައްޔަރުކޮށް، އިންޓަނެޓާއި ފޯނު އެވަނީ ކަނޑާލައިފައި. އެކަމަނާގެ ޕާޓީ މިދިޔަ ނޮވެމްބަރު މަހު ވެރިކަަމަށް އައީ އިންތިހާބު ކާމިޔާބު ކޮށްގެން. މިއީ ވަރަށް ލަދު ހުރި ކަމެއް" ގިނައިން ޓްވީޓް ކުރައްވައިގެން ވާހަކަފުޅު ދެއްކެވުން އާދަ ކުރައްވާފައިވާ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ސޫޗީއާއި އެ ގައުމުގައި ހައްޔަރު ކޮށްފައިވާ ޕާލަމަންޓްގެ މެމްބަރުން ދޫކޮށްލަން ވެސް ގޮވާލައްވައިފަ އެވެ.
ފެބްރުއަރީ 7 ގެ ހާދިސާ، މިޔަންމާގެ އިންގިލާބާ ރައީސް ނަޝީދު އެއްްފަދަ ކުރެއްވި ނަމަވެސް ރާއްޖޭގެ ވެރިކަން 7 ފެބުރުއަރީގައި ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ވެރިކަން ބަދަލުވި ގޮތް ބަލަން ރައީސް ނަޝީދާއި އެމްޑީޕީން އެދުނު ގޮތަށް ބައިނަލްއަގުވާމީ ފަރާތްތައް ހިމަނައިގެން އެކުލަވައިލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި) ގެ ރިޕޯޓްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ރިޕޯޓް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ.
ރައީސް ނަޝީދު ވެރިކަަމަށް ވެވަޑައިގެންނެވީ ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ އިންތިހާބުގައި 2008 ވަނަ އަހަރު ވާދަ ކުރައްވާ ކާމިޔާބު ހޯއްވައިގެނެވެ. އެ މަނިކުފާނު އިސްތިއުފާ ދެެއްވެވީ ތިން އަހަރު ރައީސް ކަމުގައި ހުންނެވުމަށް ފަހު އެވެ.
މިއަންމާގެ ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު އުދާސް ބޮޑުވެ، ސޫޗީ އާއި އެންއެލްޑީގެ އިސްވެރިން ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަސްކަރިއްޔާއިން މިހާރު ވަނީ މިއަންމާގައި ކުއްލި ހާލަތު ވެސް އިއުލާނު ކޮށް ވެރިކަމުގެ ހުރިހާ ބާރުތަކެއްގެ ކޮންޓްރޯލް އަސްކަރިއްޔާއަށް ޖަމާކޮށްފަ އެވެ.