ގައުމުގެ އިސް ވެރިންގެ މެދުގައި ފެތުރިފައި ހުރި ކަމަށް އެމީހުން އަމިއްލައަށް އިޝްތިހާރު ކުރާ ލަދުވެތި އަމަލްތަކާއި ފަތުރަމުންދާ ހަސަދައިން ލޯހުޅުވާލަން ނުކެރޭ ހިސާބަށް ކަންކަން ދުއްވާލައި މުޅި ދައުލަތުގެ އަގު ވައްޓާލާ ނަމަ އާންމު ފަރުދުން މާދަމާ ދައްކަންޖެހޭ އަގު ބޮޑުވާނެ ކަމަށް ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތުތަކެއް ފެންމަތި ކުރައްވާފައި ވަނިކޮށެވެ. އަދި ބަންގްލަދޭޝްގެ ފިރިހެނަކާއެކު ދިވެހީންގެ އެކި ފަންތީގެ މީހުން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުވެ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ފެށުމުން އެ މީހުންގެ ދިފާއުގައި ބައެއް ސިޔާސީ ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.
ރައީސް ޔާމީނާއި ރައީސް ވަހީދުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަމީން ވިދާޅުވީ ދިވެހި ގައުމަކީ އެންމެ މީހެއްގެ ނުވަތަ ވަކި ބައެއްގެ މިލްކެއް ނޫން ކަމަށެވެ. އެއީ މިއަދާއި މާދަމާގެ ޖީލްތަކުގެވެސް ހައްގެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒާތީ ތައައްސުބާއި އަމިއްލަ އެދުމުގައި ދީނާއި ދައުލަތުގެ ނިޒާމްތަކާއި ރައްޔިތުން ގަބޫލު ކުރާ ހަމަތަކާއި އަގުތަކާއި އިޖްތިމާއީ ފޭރާން ގުރުބާނެއް ނުކުރެވޭނެ ކަމަށެވެ.
"ގައުމުގެ އިސް ވެރިންގެ މެދުގައި ފެތުރިފައި ހުރި ކަމަށް އެމީހުން އަމިއްލައަށް އިޝްތިހާރު ކުރާ ލަދުވެތި އަމަލްތަކާއި ފަތުރަމުންދާ ހަސަދައިން ލޯހުޅުވާލަން ނުކެރޭ ހިސާބަށް ކަންކަން ދުއްވާލައި މުޅި ދައުލަތުގެ އަގު ވައްޓާލާނަމަ އާންމު ފަރުދުން މާދަމާ ދައްކަންޖެހޭ އަގު ބޮޑުވާނެ،" އަމީންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ނަޝީދުގެ މި ތުހުމަތު ފެންމަތި ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް އިއްޔެ ހަވީރު ފޮނުއްވި މެސެޖްތަކެއްގައެވެ. ނަޝީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދު އަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށާ އެ ފޮޓޯތައް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައިވެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ބަރަހަނާ ހަތަރު ފޮޓޯގަނޑެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތެވެ. އެއީ މީހަކު އެމަނިކުފާނަށް ފޮނުއްވާފައިވާ ފޮޓޯތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެ [ރައީސް ސޯލިހްގެ ފޮޓޯތައް] ޕޮލިހަށް ފޮނުވަންވީތޯ،" ނަޝީދު އަލުން ސުވާލު ކުރައްވާފައިވެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ގޮތުން ގާތް އަދި ވަރަށް އެކުވެރި ބޭފުޅެއްގެ ދަރިއެއް ކަމަށެވެ. އެ އަންހެން ކުއްޖާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ވާހަކަތައް ނަޝީދު ފެއްޓެވީ ބަންގްލަދޭޝްގެ އަލަމްގިރި ކައިރިއަށް އައްޑޫ މީދޫ ދާއިރާގެ މެެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒް ވަޑައިގެންނެވި ކަމަށް ބުނެ މީހަކު ޓްވީޓާގައި ލިޔެފައިވާ ވާހަކަތަކެއް ހިއްސާ ކުރައްވަމުންނެވެ. އެެއީ ތެދެއްތޯ ރޮޒައިނާ އާއި ނާޒިމް ކުރެން އައްސަވާފައިވެއެވެ.
ރައީސްގެ މައްޗަށް ބޮޑު ތުހުމަތެއް ނަޝީދު ކުރައްވާފައިވާތީ ރައީސް އޮފީހުން ރޭ ބުނީ ނަޝީދުގެ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ތުހުމަތު ކުރައްވާ ނަޝީދު ދެއްކެވި ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށެވެ.