ރޮޒައިނާ އާދަމް

ނަޝީދަށް ފާޑުވިދާޅުވުމުން ރޮޒައިނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި

Jul 30, 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ކުރެއްވި ފަހުން ރޮޒައިނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި އެވެ.

ރޮޒައިނާ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އެކައުންޓް ހެކްކޮށްފައިވާތީ ރޭ މެންދަމު 2:00 ޖެހިފަހުން ޓްވިޓާ އެކައުންޓް ބޭނުން ނުކުރެވޭ ކަމަށެވެ.

"ނަމަވެސް މިހާތަނަށް އަޅުގަނޑު ކޮށްފައި ހުރި ޕޯސްޓްތަކުގެ އިތުރު ޕޯސްޓެއް އެކައުންޓުން ކޮށްފައެއް ނުވެ. ރޭ 2:00 އާ ހަމައށް ކޮށްފައި އެހެރަ ހުރިހާ ޕޯސްޓަކީ އަޅުގަނޑު ކޮށްފައި ހުރި ޕޯސްޓް،" އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ޓްވިޓާ އެކައުންޓް ހެކް ކުރި ނަމަވެސް ވިދާޅުވާން ބޭނުންވާ އެއްޗެއް ވިދާޅުނުވެ ހުންނަވާނެ ކަމަށް ހީނުކުރުމަށް އެދޭ ކަމަށެވެ.

"ބުނަން ޖެހޭ އެއްޗެއްވެސް ބުނާނަން. ކުރަންޖެހޭ ކަމެއްވެސް ކުރާނަން،" ރޮޒައިނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ރޮޒައިނާ ޓްވީޓް ކުރައްވަން ފެއްޓެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު، ރޮޒައިނާއަށް އަމާޒުކުރައްވާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

މީހަކު ކޮށްފައިވާ ޓްވީޓެއްގައި ރޮޒައިނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އުޅޭ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް ރައީސް ނަޝީދު ވަނީ އެ ޓްވީޓްގެ ލިންކް އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕްގައި ހިއްސާކޮށް އެއީ ތެދެއްތޯ ރޮޒައިނާއާ ސުވާލުރައްވާފަ އެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ އެކު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ ބޮޑު ތުހުމަތާ ގުޅިގެން ރޮޒައިނާ ވިދާޅުވީ ހުރިއްޔާ ހުރި ފޮޓޯއަކާ ވީޑިއޯއެއް ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ރައީސް ނަޝީދު އެކަން އަދި މިހާތަނަށް ކުރައްވާފައި ނުވާތީ ރޮޒައިނާ ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯ ހިއްސާނުކުރެވުނީ އެފަދަ ފޮޓޯއެއް ނަޝީދުގެ އަތްޕުޅުގައި ނެތުމުން ކަމަށެވެ. އަދި އިސްލާމީ ދައުލަތެއްގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ބަޔަކަށް އެވަރުގެ ބޮޑު ތުހުމަތެއް ކުރައްވާފައިވާތީ ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.