ރޮޒައިނާ އާދަމް

ނަޝީދުގެ ފޯން ފޭރިގަތުން ރޮޒައިނާއަށްވީ ބޮޑު ޖޯކަކަށް!

Aug 4, 2022
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯން ފޭރިގެން ހަބަރު އާންމުވުމާ އެކު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް އެކަމަށް ޖޯކް ޖައްސަވައިފި އެވެ.

ނަޝީދުގެ ފޯން ފޭރިގަތީ ދަރިކަނބަލުންނާ އެކު ލަންޑަންގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ކަމަށް ނަޝީދުގެ ދަރިކަނބަލުން ވަނީ މާލޭގައި ތިއްބެވި އާއިލާގެ ބޭފުޅުންނަށް މެސެޖަކުން އަންގަވާފަ އެވެ. ނަޝީދުގެ ފޯން ފޭރިގެންފައިވާތީ ދަރިކަނބަލުން އެދިވަޑައިގެންފައިވަނީ ފޯން ނަންބަރު ބްލޮކް ކޮށްދެއްވުމަށެވެ.

ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ދަރިކަނބަލުންގެ މެސެޖު މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ހިއްސާކުރައްވާފަ އެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ނިއުޝާ ވަނީ މަޖިލީހުގެ މެންބަރުން ތިއްބަވާ ގުރޫޕުން ރައީސް ނަޝީދުގެ ނަންބަރު ރިމޫވް ވެސް ކުރައްވާފަ އެވެ.

ނަޝީދުގެ ފޯނު ފޭރިގެންފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލުތަކެއް ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އެމަނިކުފާނުގެ ފޯނުގައި ހުރި ކަމަށް ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެެ. އެކަމަކު ތުހުމަތުތައް ރައީސް އޮފީހުން ދޮގުކުރެ އެވެ.

ރައީސް ނަޝީދަށް ޖޯކު ޖައްސަވަމުން ރޮޒައިނާ ވިދާޅުވީ "ހަތަރު ފޮޓޯއާއި އެކު ރައީސް ނަޝީދުގެ ފޯން ޖަހައިގަނެގެން ދިއުން މިއީ ގަރުނުގެ އެންމެ ބޮޑު ޖޯކު" ކަމަށެވެ.

"ތި ފޮޓޯ ފޮނުވި މީހާގެ ފޯނުތަ އަނެއްކާ މިރޭ ކުނޫޒު ކައިރިން ޖަހައިގަތީ. މީހުންގެ ބޮލުގައި ދޮގު ހަދައިގެން އިލްޒާމު އަޅުވާފައި މިއަށް ވުރެ ހަމަޖެހޭ ވާހަކައެއް ދައްކަން ނޭގުނީބާ؟" ރޮޒައިނާ ވިދާޅުވެފައިވެ އެވެ.

ރޮޒައިނާއާއި ރައީސް ނަޝީދާ ދެމެދު މިފަހުން ކޯޅުން އުފެދުނީ ރޮޒައިނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒުގެ ބަރަހަނާ ވީޑިއޯ އެއްވެސް އުޅޭ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓެއްގެ ލިންކް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދު ހިއްސާކުރެއްވުމަށްފަހު އެއީ ތެދެއްތޯ ރޮޒައިނާއާ ސުވާލުކުރެއްވި ހިސާބުންނެވެ.

ރައީސް ނަޝީދަށް އެ ދުވަހު ރައްދުދެއްވާ ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި އެކަން ނޭނގޭ މީހަކު މިހާރު ނެތް ކަމަށެވެ. ރައީސް ނަޝީދަށް ރައްދުދެއްވާ ނާޝިޒު ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަަކަތައް މިހާރު ނުހިނގާނެ ކަމަށާއި ނަޝީދުގެ ވާހަކަތައް ހިނގީ މާޒީގައި ކަމަށެވެ.