ރައީސް މުހައްމަދު ނަޝީދު

އެއްވެސް ބަހުސެއްގައި ބައިވެރިއެއް ނުވަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކުރިއަށް ގެންދާ ބަހުސްތަކުގައި އެންމެ ދުވަހަކުވެސް ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަކަށް ހުށަހަޅުއްވާފައިވާ އިސްލާހަކަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ޝަފީގު ފާހަގަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ ބަހުސްއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ބައިވެރިވެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް ގަވައިދުގައި މިހެން (ބަހުސްގައި ބައިވެރި ނުވެވޭނެ ކަމަށް) އޮވެ އެގޮތަށް (މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިވުން) ކަން ކުރައްވަންޏާ އެ ދަނީ އެންމެ ރަނގަޅަކަށް ނޫން،" ޝަފީގު ވިދާޅުވި އެވެ.

ޝަފީގުގެ ވާހަކަފުޅު ނިންމަވާލެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ބަހުސްގައި ބައިވެރި ނުވެވޭނެ ކަމަށް އޮންނަ ގަވައިދުގައި އެހެން ކަމެއް ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.

މަޖިލީހުގެ ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައަކާމެދު މަޖިލީހުގެ ރައީސް ދެކޭ ގޮތް ހާމަކޮށްގެން ނުވާނެ އެވެ. އެހެންނަމަވެސް، މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާމެދު، މަޖިލީހުގެ ރައީސް ހިޔާލުފާޅުކޮށް އެކަމާމެދު ދެކޭ ގޮތް ހާމަކޮށްް މަޝްވަރާއާއި ލަފާ ދެވިދާނެ އެވެ.
މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގެ (ނ)

"އަޅުގަނޑަށް އެއްވެސް ދުވަހެއްގަ އެއް ފާހަގައެއް ނުވޭ އަޅުގަނޑު ބަހުސެއްގައި ބައިވެރިވެވުން ތަނެއް. އަނގައިން އެއްޗެއް ބުނުމަކީ ބަހުސްގައި ބައިވެރިވުން ކަމަށް އަޅުގަނޑު ހިތުން ދެކުން އެއީ ރަނގަޅު ގޮތަކަށެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ހޯއްދަވައިދިނުމުގައި އެމަނިކުފާނު ފަހަތަށް ނުޖެހި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ހުރިހާ މެންބަރުންނަށާއި ރައްޔިތުންނަށް އަރުވާކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ސަރުކާރު ޖަވާބު ދާރީ ކުރުވުމުގަ އާއި ގާނޫނު ހެދުމަށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.