ރަޝިއާގެ ރައްޔިތުން ޔޫރަޕަށް ދަތުރުކުރުން މަނާކުރަން ޖެހޭ ކަމަށް ލެޓްވިއާގެ ފޮރިން މިނިސްޓަރު އެއްގާސް ރިންކާވިޗް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާގެ އެކަކަށް ވެސް ޔޫރަޕަށް އެެރިގެން ނުވާނެ ކަމަށެވެ.
ރިންކާވިޗް ވިދާޅުވި ގޮތުގައި ރަޝިއަކީ އަމިއްލަ މީހުންގެ ބޮލަށް ބޮންއަޅާ ބައެކެވެ. އެކުވެރި، ގާތްތިމާގެ ކަމަކީ ރަޝިއާއަށް މުހިންމު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދޮނެސްކް ޕީޕަލްސް ރިޕަބްލިކްގައި ހަނގުރާމައިގެ ކުށްވެރިން ބައިތިއްބާ މަރުކަޒަކަށް ރަޝިއާއިން ބޮންއެޅި ކަމަށް ވިދާޅުވެ ރިންކާވިޗް ވިދާޅުވީ މައްސަލަ ބަލައި ޒިންމާވާ ފަރާތްތަކާ މެދު ޖިނާއީ ދައުވާކުރަން ޖެހޭ ކަމަށެވެ.
ލެޓްވިއާ އަކީ ރަޝިއާ ދެކެ ވަރަށް ރުޅިއަންނަ ގައުމެކެވެ. ޔުކްރޭން ހަނގުރާމައިގައި ރަޝިއާއިން ޖަރީމާ ހިންގާ ކަމަށް ލެޓްވިއާއިން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. އަދި ރަޝިއާއަށް ދަތިކުރަން ހަރުކަށި ފިޔަވަޅުތައް އިތުރުކުރުމަށް ވެސް އެ ގައުމުން އޮތީ ގޮވާލާފަ އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުން ހަނގުރާމައިގެ ކުށްވެރިން ތިބޭ މަރުކަޒަށް ހަމަމާދިނީ ޔުކްރޭނުންނެވެ. ހަމަލާދޭން ބޭނުންކުރީ އެމެރިކާއިން ޔުކްރޭނަށް ސަޕްލައިކުރި "ހައި މޮބައިލް އާޓިލަރީ ރޮކެޓް ސިސްޓަމް" (ހައިމާސް) ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
ރަޝިއާއިން މިހާރު ވަނީ އދ. އަށާއި ރެޑް ކްރޮސްގެ ތަޖުރިބާކާރުންނަށް މަންޒަރު ބަލަން ދައުވަތު ދީފަ އެވެ. ރަޝިއާއިން ބުނީ ބޮންއަޅާފައި އޮތް ތަނަށް ގޮސް މަންޒަރު ބަލައި ސިފަކުރަން މިނިވަން މުއްސަސާތަކަށް ފުރުސަތު ދޭނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އދ. އިން އަދި އެމެރިކާއިން ވެސް އެއްޗެއް ނުބުނެ އެވެ. އެކަށިގެންވާ ވަރަށް މައުލޫމާތު ލިބިފައި ނެތުމުން ގޮތެއް ނިންމަން ދަތި ކަމަށް އެމެރިކާއިން ވެސް އޮތީ ބުނެފަ އެވެ.
ލެޓްވިއާގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ރަޝިއާ އަކީ ޓެރަރިޒަމް ސްޕޮންސާކުރާ ގައުމެކެވެ. އަދި ރަޝިއާގެ ބޮލުގައި ޔޫރަޕުން އެ ލޭބަލް އަޅުވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝިއާ އަކީ ޓެރަރިޒަމް ސްޕޮންސާކޮށް ހިތްވަރުދޭ ގައުމެއް ގޮތުގައި ބަލައިގަންނަން އެމެރިކާ ވެސް އޮތީ ދެކޮޅު ހަދާފަ އެވެ. ސަބަބަކީ ރަޝިއާއާށް އިގުތިސޯދީ ގޮތުން ދަތުކުރަން އަޅާފައި ހުރި ފިޔަވަޅުތަން، އެމެރިކާ އާއި ޔޫރަޕްގެ ބޭނުމަށް ބައެއް ކަންތައްތައް އިސްތިސްނާ ކުރަން ޖެހޭތީ އެވެ.