ދިރާގު

އައިސީޓީއެސްއާރްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Jul 31, 2022

ކްލިކް ކޮލެޖާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އަދި އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީ ގުޅިގެން އިންތިޒާމުކުރާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސާޗް" (އައިސީޓީއެސްއާރު 2022)ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއި ކޮށްފި އެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ ކުރިއަށް އޮތް އޮގަސްޓް ދޭކުން ފަހަކަށް އއ. އުކުޅަހުގަ އެވެ.

އައިސީޓީއެސްއާރުގެ މިފަހަރުގެ ޝިއާރު ކަމަށްވާ "ރީތިންކިން ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓާ ފިއުޗާ"ގެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިގެންދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ހަރަކާތްތައް އަލުން ތަރައްގީކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.

މިގޮތުން މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތަކާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، އެކަޑަމިކް ބޭފުޅުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ހުރި ގޮންޖެހުންތަކާއި، މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާ ކުރާނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށެވެ.