ރާއްޖެ ކުޅިވަރު

ނިއުގެ އެކެޑަމީ ހެޑް ކޯޗު މިކާގެ ބެލުމުގެ ދަށަށް

ނިއު ރޭޑިއަންޓްގެ އެކެޑަމީގެ ހިންގުމާއި އޮނިގަނޑަށް ގެނައި ބައެއް ބަދަލުތަކުގެ ތެރެއިން، ނިއުގެ ސީނިއާ ޓީމުގެ ހެޑް ކޯޗު ފިންލެންޑްގެ މިކާ ލޮންސްޓްރޮމްގެ ބެލުމުގެ ދަށުން އެކެޑަމީ ހިންގުމަށް ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ތެރެއިން، ޔޫތު އެކެޑަމީއެއް މި ވަގުތު ހިންގާ ހަމައެކަނި ކްލަބު ކަމަށްވާ ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) މިއަދު ވިދާޅުވީ ނިއުގެ ހެޑް ކޯޗުގެ މިކާގެ ބެލުމުގެ ދަށުން އެކެޑަމީ ހިންގުމަށް ނިންމީ ނިއުގެ އެކެޑަމީ ބައިނަލްއަގުވާމީ ފެންވަރަށް ހިންގުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

"އެކެޑަމީގެ ޕްރިންސިޕަލް ލެކްޗަރާއަކަށް، މުޅި އެކަޑަމީ އެއްކޮށް ޑޮމިނޭޓްކުރާ ފިގާއަކަށް އަޅުގަނޑުމެންގެ ހެޑް ކޯޗު މިކާ ހަމަޖެއްސުމަށް ކްލަބުގެ ބޯޑުން ވަނީ ނިންމާފައި ކޯޗާއެކު ދެކެވުނު ވާހަކަތަކާއެކު،" އެފްއޭއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަލަކް ވިދާޅުވި  އެވެ. "މި ބަދަލާއެކު އަޅުގަނޑުމެންގެ އެކެޑަމީ އިންޓަނޭޝަނަލް ފެންވަރަށް ހިންގުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ. އިރާދަ ކުރެއްވިއްޔާ ފެބްރުއަރީ އެކަކުން ފެށިގެން އަޅުގަނޑުމެންގެ އެކެޑަމީ އަށް މި ދަންނަވާ ބަދަލުތައް އަންނާނެ."

ބަލަކް ވިދާޅުވީ މިކާ އަކީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތަޖުރިބާ ހޯދައިފައިވާ، ގާބިލް ކޯޗެއް ކަމަށާއި މީގެ ފަހުން ނިއުގެ އެކެޑަމީ ހިންގާނީ ބޭރުގެ އެކެޑަމީތަކުގައި ބޭނުންކުރާ ހާއްސަ ޕްރޮގްރާމެއްގެ ދަށުން ކަމަށެވެ.

ނިއު އަށް މިދިޔަ ސީޒަންގައި ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން މިކާ ބުނީ އެކެޑަމީގެ ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށާއި މިއީ ކްލަބުގެ މުސްތަގްބަލް ރަނގަޅުކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިއީ ކްލަބުން އެޅި ވަރަށް ރަނގަޅު ފިޔަވަޅެއް. ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހަރުދަނާކޮށްގެން، ކްލަބަށް ކުރިއެރުން ލިބޭނެ. އެކަމަކު މީގެ ނަތީޖާ ފެންނާނީ ދިގު މުއްދަތަކުން. ފެބްރުއަރީ އެކަށް ފަހު، ވަގުތުން ނަތީޖާ ފެންނާނެ ކަމަށް އުންމީދުކޮށްގެން ނުވާނެ. ފިޔަވަޅަށް ފަހު ފިޔަވަޅެއް އަހަރެމެން އަޅާނީ. މުސްތަގްބަލްގައި މިކަމުގެ ނަތީޖާ ފެންނާނެ،" މިކާ ބުންޏެވެ.

މިކާ ބުނީ ޔޫތު ޑިވެލޮޕްމަންޓަކީ ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ކްލަބުތަކުން ޔޫތު ޑިވެލޮޕްމަންޓްގައި ބައިވެރިވުމަކީ ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމެއް ކަމަށެވެ.

ބަލަކް ވިދާޅުވީ މިހާރު ޔޫތު އެކެޑަމީގައި 16 އަހަރުން ދަށުގެ ޓީމެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ނިއުގެ އެކެޑަމީގައި އެންމެ ދޮށީ އުމުރު ފުރާއަކަށް އޮތީ 13 އަހަރުން ދަށެވެ.

"ހަތަރު އަހަރުން ފެށިގެން ނިއުގެ ރޭޑިއަންޓްގެ ދިދައިގެ ދަށަށް ފުޓްބޯޅަ ކުޅެން އަންނަ ކުޅުންތެރިއަކަށް އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރު ނިއުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި. މިއީ ފުޓްބޯޅަ ހަރުދާނަކުރަން ކޮންމެ ކްލަބަކުން ވެސް ކުރުން މުހިންމު ކަމެއް." ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ ނިއުގެ އެކެޑަމީގެ މަހު އަށް ކުރިން 500ރ ނަގަމުން ދިޔަ ނަމަވެސް، ފެބްރުއަރީ މަހު ފެށިގެން މަހު ފީ 250ރ އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ނިއު އިން ވަނީ މިއަދު ހަވީރު ޓާފް ދަނޑުގައި އެ ކްލަބުގެ އޯޕަން ޑޭއެއް ބޭއްވުމަށް ހަމަޖައްސައިފަ އެވެ. މި އިވެންޓުގައި ނިއު އިން މި ސީޒަންގައި ބޭނުންކުރާ ކިޓް ބޭނުންކުރާނެ އެވެ. ނިއުގެ ސީނިއާ ޓީމާއި އެކަޑަމީގައި ތަމްރީނު ހަދާ ކުދިން ބައިވެރިވާ މި އިވެންޓުގައި، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ހިންގާ "ޗައިލްޑް އެބިއުސް ޕްރިވެންޝަން ކެމްޕެއިން" ގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ އެވެ. ނިއުގެ ވީހާ ވެސް ގިނަ ސަޕޯޓަރުން މި އިވެންޓުގައި ބައިވެރިވުމަށް އެ ކްލަބުން ވަނީ އެދިފަ އެވެ.