މަންކީޕޮކްސްއަށް ޓެސްޓް ކުރަން ބޭނުންކުރާ 250 ޕީސީއާރް ޓެސްޓް ކިޓް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު މިކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި ކިޓްތަކާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު އެވެ.
މަންކީޕޮކްސްއަށް ޓެސްޓް ކުރަން ބޭނުންކުރާ ކިޓްތަކެއް ރާއްޖެއަށް ހަދިޔާކޮށްފައި މިވަނީ މަންކީ ޕޮކްސްއަށް ޝައްކު ކުރެވުނު މީހެއް ރާއްޖޭގައި ޓެސްޓްކޮށްފައި ވަނިކޮށެވެ. އެކަމަކު އެ މީހާ ވަނީ ބައްޔަށް ނެގެޓިވްވެފަ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ޑަބްލިއުއެޗްއޯ އާއި ގުޅިގެން އިތުރު ކިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ކިޓް ލިބޭނެ ކަމަށެވެ.
މަންކީޕޮކްސްއަށް ޓެސްޓް ކުރާ ކިޓްތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު މާދަމާ ފެށުމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މި ތަމްރީންތަކުގައި ރާއްޖޭގެ ބޮޑެތި ހުރިހާ ލެބޯޓްރީތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ހެލްތު މިނިސްޓްރީން އިތުރަށް ބުނީ ތަމްރީންތަކަށްފަހު މަންކީޕޮކްސްއަށް ޓެސްޓް ކުރުމުގެ މަސައްކަތް ލަސްނުކޮށް ފަށާނެ ކަމަށެވެ.
މަންކީޕޮކްސްގެ ނުރައްކާ ބޮޑުވުމާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މަންކީޕޮކްސް އަކީ އާލަމީ ބަލިމަޑުކަމެއް ކަމަށް ކަނޑައަޅާފަ އެވެ.