އިބްރާހިމް އަމީރު

އިގްތިސާދު މެނޭޖުކުރާނީ މާލީ އިދާރާތަކުގެ ލަފާ ހޯދައިގެން: އަމީރު

Jul 31, 2022

ރާއްޖޭގެ އިގްތިސާދާ ގުޅޭ ނިންމުންތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނިންމާނީ ދިވެހި ގައުމާއި ރައްޔިތުން އިސްކޮށްގެން އަދި ރާއްޖެއާ އެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާ އެކުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އައިއެމްއެފްއާއި ވޯލްޑް ބޭންކުން މަރުހަބާ ކިޔާފައިވާ ވަގުތެއްގަ އެވެ.

މިނިސްޓަރު އަމީރު މިއަދު ދިވެހި ބަހުން ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ގޮތަކަށް އިގްތިސާދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އައިމްއެފް އަދި ވޯލްޑް ބޭންކުން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.

"މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްދުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމުގައިވެސް ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ 2023-2025 އަށް ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރާއްޖެއާއެކު މަސައްކަތް ކުރާ މާލީ އިދާރާތަކާ މައުލޫމާތު ހިއްސާކުރައްވާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އައިއެމްއެފް އަދި ވޯލްޑް ބޭންކުންވެސް ފާހަގަކޮށްފައިވާ ފަދައިން އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއި ހަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ސަބްސިޑީތައް ދެވޭ ގޮތް މުރާޖައާކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިގްތިސާދީ މިންގަނޑުތައް ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުން އިގްތިސާދު އަދި ފިސްކަލް ކަންކަން މެނޭޖުކުރަމުން ދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިން ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން ދިމާވި އިގްތިސާދީ ކާރިސާ މެނޭޖުކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބުނީވެސް އެފަދަ އިދާރާތަކުގެ ލަފާ ހޯދައިގެން ފިޔަވަޅުތައް އަޅަމުން ގެންދިއުމުން ކަމުގައިވެސް ވިދާޅުވި އެވެ.

"މުސްތަގްބަލުގައިވެސް ރާއްޖެއިން އިގްތިސާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާ އެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާ އެކުގައި ކަމުގައި ދަންނަވަން." މިނިސްޓަރު އަމީރު ވިދާޅުވެފައިވެ އެވެ.