ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އައިއެމްއެފް އެގްޒެކެޓިވް ބޯޑުގެ ކޮންސަލްޓޭޝަންގައި ބުނެފައިވަނީ ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑު ކަމަށާއި ހަރަދުތައް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމަށެވެ.
އާމްދަނީ އިތުރުކުރުމަށާއި ދަރަނި މެނޭޖުކުރުމުގައި ހިފެހެއްޓުންތެރި އުސޫލުތަކެއް ތަންފީޒުކުރަން ޖެހޭ ކަން އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ފާހަގަކޮށްފައިވެ އެވެ.
ކެޕިޓަލް ހަރަދުތައް ހަރުދަނާ ކުރުމަށާއި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ދޭންޖެހޭ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ކޮންމެހެން ހަރުދަނާ ކުރަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމި ނިންމުމަށް އައިއެމްއެފް އިން ވަނީ މަރުހަބާ ކިޔާފަ އެވެ.
އައިއެމްއެފް އިން ބުނެފައިވާ ގޮތުގައި ޖުލައި 2021 އިން ޖުލައި 2022 އަށް ރާއްޖޭގެ އިންފްލޭޝަން ވަނީ 0.2 ޕަސެންޓުން 2.7 ޕަސެންޓަށް އުފުލިފަ އެވެ. އަގުތައް އުފުލުނު ދާއިރާތަކުގެ ތެރޭގައި ހަކަތަ އާއި ކާނާ އާއި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން ސިއްހީ ދާއިރާ ހިމެނެ އެވެ.
އައިއެމްއެފް އިން ލަފާކޮށްފައިވަނީ 2023 ވަނަ އަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވާނެ ކަމަށެވެ. އެގޮތުން އިންފްލޭޝަން 4.9 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އިންފްލޭޝަން އިތުރުވާ ސަބަބުތަކުގެ ތެރޭގައި ހަކަތަ އާއި ކާނާ އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރާ ހަރަދުތައް އިތުރުވުން ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން ޖީއެސްޓީ އިތުރުކުރުމަކީވެސް އިންފްލޭޝަން އިތުރުވާނެ ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ބާރަށް ކުރިއަށް ދިޔަކަން ވެސް އައިއެމްއެފް އިން ފާހަގަކޮށްފައިވެ އެވެ.