ފިނޭންސް މިނިސްޓްރީ

ޖީއެސްޓީ ބޮޑުވުމުން ޕާޗޭސް އޯޑަރުތަކަށް އަންނަ ބަދަލުތައް ހާމަކޮށްފި

ޖީއެސްޓީ ރޭޓަށް އަންނަ ބަދަލާ ގުޅިގެން ޕާޗޭސް އޯޑަރުތަކަށް އަންނަ ބަދަލުތައް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިން ސިސްޓަމްގައި މިއަހަރުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކުގެ ތެރެއިން މުދާ ނުވަތަ ހިދުމަތް ލިބިފައިވާ ޕީއޯތަކުގެ ބިލްތައް މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓް ކުރުމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ އަންގާފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ އެ މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައިވާ ގޮތުން މިއަހަރު ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކަށް ހޯދާފައިވާ ހިދުމަތާއި ތަކެތީގެ ބިލްތައް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ޕޯސްޓް ކުރެވިފައި ނުވާނަމަ އެ ޕާޗޭސް އޯޑަރުތައް ސިސްޓަމުން ޑިލީޒްކުރުމުގެ ބަދަލުގައި އަންނަ އަހަރަށް ކެރީފޯވާޑް ކުރެވޭނެ އެވެ.

އެގޮތުން ކެރީފޯވާޑް ކުރެވޭ ޕާޗޭސް އޯޑަރުތަކުގެ ހަރަދު ކެނޑޭނީ އަންނަ އަހަރުގެ ބަޖެޓުންނެވެ.

ކެރީ ފޯވާޑް ކުރެވޭ ޕާޗޭސް އޯޑަރުތަކުގައި ޖީއެސްޓީ ހިސާބުކޮށްފައިވާނީ ޖީއެސްޓީ ބޮޑުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިއަހަރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތަށެވެ.

އެގޮތުން މުދާ ނުވަތަ ހިދުމަތް ލިބިފައިވާ ޕީއޯތަކުގެ ތެރެއިން ޖެނުއަރީ އެކެއް، 2023 ގެ ކުރިން އިޝޫކުރާ އިންވޮއިސްތަކާއި އެ ތާރީހުގެ ކުރިން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާއިރު ޖެނެރަލް ޖީއެސްޓީ ހިސާބުކުރާނީ ހަ ޕަސެންޓްގެ ރޭޓުންނެވެ. ޓީޖީއެސްޓީ ހިސާބުކުރާނީ 12 ޕަސެންޓްގެ ރޭޓުންނެވެ.

މުދާ ނުވަތަ ހިދުމަތް ލިބިފައިވާ ޕީއޯތަކުގެ ތެރެއިން ޖެނުއަރީ އެކެއް، 2023 ވަނަ ދުވަހު ނުވަތަ އެ ދުވަހުގެ ފަހުން އިޝޫ ކުރާ އިންވޮއިސްތަކާއި ޖެނުއަރީ އެކެއް ނުވަތަ އެ ދުވަހުގެ ފަހުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާއިރު ޖެނެރަލް ޖީއެސްޓީ ހިސާބުކުރާނީ އަށެއް ޕަސެންޓް ރޭޓުގައެވެ. ޓީޖީއެސްޓީ ހިސާބުކުރާނީ 16 ޕަސެންޓް ރޭޓުގައެވެ.