އަންނަ އަހަރުގެ ނިޔަލަށް ރިކަރަންޓް ހަރަދު ދައުލަތުގެ އާމްދަނީ އަށްވުރެ އިތުރު ނުވާނެ މިންވަރަށް ތިރިކޮށް އެ މިންގަނޑުގައި ހިފެހެއްޓުމަށް "ފިސްކަލް އެންކާ" ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން 2025 – 2023" ގައި ހާމަކޮށްފައިވާ ގޮތުން އާމްދަނީ އާއި ހަރަދުތަކުގެ ސީދާ މިސްރާބު ކަނޑައެޅުމަށް މެދުރާސްތާއަށް "ފިސްކަލް އެންކާ" ތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ރިކަރަންޓް ހަރަދު ދައުލަތުގެ އާމްދަނީއަށްވުރެ އިތުރު ނުވާނެ މިންވަރަށް ހިފެހެއްޓުމަށް ކަނޑައަޅާފައިވާއިރު އެއީ ހިލޭ އެހީ ނުހިމަނާ ކަމަށް ބުނެފައިވެ އެވެ.
ރިކަރަންޓް ހަރަދުގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރަ އާއި އިދާރީ އަދި ހިންގުމުގެ ހަރަދުތަކެވެ.
އަންނަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށްވުރެ ތިރިކޮށް އެއަށްވުރެ އިތުރުނުވާނެހެން މެދުރާސްތާގައި ހިފެހެއްޓުމަށް ވެސް ކަނޑައަޅާފައިވެ އެވެ.
މީގެއިތުރުން 2025 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ދަރަނި، ގެރެންޓީ ނުހިމަނާ ޖީޑީޕީގެ ނިސްބަތުން 100 އިންސައްތައަށްވުރެ ތިރިކުރުން ހިމެނެ އެވެ.
އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަށަށް ދާނެ މިސްރާބެއްގައި ހިފެހެއްޓުމަށް ވެސް ގޮތްތަކެއް ކަނޑައަޅާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ އެންކާތައް ކަނޑައެޅުމުގައި ދުނިޔެ އާއި ރާއްޖޭގެ އިގްތިސާދީ ތަސައްވުރަށާއި މިހާރުގެ ފިސްކަލް އަދި ދަރަނީގެ ހާލަތަށް ބަލާފައިވާނެ ކަމަށެވެ. މީގެއިތުރުން މެދުރާސްތާގައި އާމްދަނީ އިތުރުކުރުމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކޮށް އެފިޝަންޓްކުރުމަށް ރާވާފައިވާ ކަންކަން ތަންފީޒުކުރެވޭނެ ކަމަށް ބެލެވޭ މިންވަރަށް ރިއާޔަތްކޮށްފައި ވާނެ ކަމަށެވެ.
ފިސްކަލް ސްޓްރެޓެޖީގައި ބުނެފައިވަނީ 2021 ވަނަ އަހަރު ފެށިގެން ދިއުމާއެކު އެ އަހަރު ތައްޔާރުކުރި ފިސްކަލް ސްޓްރެޓަޖީ އާއި މިއަހަރަށް ފާސްކުރި ބަޖެޓުގައި އިސްކަންދިނީ ފާއިތުވި ދެ އަހަރު ހީނަރުވެގެންދިޔަ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކަމަށެވެ.
ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މެކްރޯ-ފިސްކަލް އާ ގޮންޖެހުންތަކަކާ މިހާރު ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ފިސްކަލް އަދި ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް އިތުރަށް މަސައްކަތްކުރަން ޖެހިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން 2023 އިން 2025 އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަގީންކުރުމަށް ކަމަށް ބުނެފައި ވެއެވެ.
މީގެއިތުރުން މިދިޔަ އަހަރުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުން ފަދަ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގާބިލްކަން އިތުރުކޮށްދޭނެ ގިނަ އިންވެސްޓްމަންޓްތައް ކުރިއަށް ގެންދެވުނު އަހަރުތަކެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެ މަޝްރޫއުތައް ނިންމާ އެސެޓްތަކުގެ ފައިދާ ވީހާވެސް އަވަހަށް އިގުތިސާދަށް ލިބެން ފަށާނެކަން ކަށަވަރުކުރުމަކީވެސް އަމާޒެއް ކަމަށް ބުނެފައިވެ އެވެ.