އީވާ އަބްދުﷲ

ދަރަނި އިތުރުވާތީ އައިއެމްއެފުން ކަންބޮޑުވުން ފާޅުކުރި: އީވާ

ރާއްޖޭގެ ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފާހަގަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ އަބްދުﷲ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަސް މިއަދު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ އައިއެމްއެފްގެ "އާޓިކަލްސް އޮފް އެގްރީމެންޓް" ގެ އާޓިކަލް ހަތަރެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު އެއްފަހަރު އެ ފަންޑްގެ މެމްބަރު ގައުމުތަކުގެ އިގްތިސާދީ ތަރައްގީގެ އަމާޒުތަކާއި މާލީ ހާލަތު ވަޒަން ކުރާ ކަމަށެވެ.

އައިއެމްއެފްގެ ޑިސެމްބަރު 20، 2022ގެ ޕްރެސް ރިލީސް އިން އެ ފަންޑްގެ ފަންނީ މުވައްޒަފުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު ހޯދާ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލި ކަމަށް އީވާ ވިދާޅުވި އެވެ.

އެ ރިޕޯޓް އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން އެސެސްކޮށްފައިވާއިރު ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އެ ރިޕޯޓު އާންމުކުރެވެނީ ރިޕޯޓު ރައްދުވާ ޤައުމެއްގެ ސަރުކާރުގެ ރުހުމާއެކުގައި ކަމަށްވާއިރު، 2020 ވަނަ އަހަރުގެ ފަހުން އައިއެމްއެފްގެ އާޓިކަލް IV ގެ ދަށުން ދިވެހިއްރާއްޖެއާ ގުޅޭ ގޮތުން އެކުލަވާލާ ރިޕޯޓްތައް އާންމުކުރެވިފައެއް ނުވެ" އީވާގެ ސިޓީގައި ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތާ ގުޅޭ ގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަންކުރެވިފައިވާ ގޮތާމެދު އައިއެމްއެފް އިން ދެކޭ ގޮތް އެންމެ ތަފުސީލުކޮށް އެނގޭނީ އާޓިކަލް ހަތަރެއް ގެ ދަށުން އެކުލަވާލާ ރިޕޯޓުން ކަމަށެވެ.

އެ ރިޕޯޓަކީ 2020 ވަނަ އަހަރުގެ ކުރިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހާމަކުރަމުން އަންނަ ރިޕޯޓެއް ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވަނީ އައިއެމްއެފްގެ އާޓިކަލްސް އޮފް އެގްރީމެންޓްގެ އާޓިކަލް ހަތަރެއްގެ ދަށުން ރާއްޖެއާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ޕްރެސް ރިލީސް ރިޕޯޓްގެ ކޮޕީއެއް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް މިނިސްޓަރު އަމީރު އަރިހުން އީވާ ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި ރޭ ބޮނޑިބަތް ޕާކްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވެސް ވިދާޅުވީ އައިއެމްއެފްގެ ރިޕޯޓް އާންމުކުރެވޭނީ ރިޕޯޓް ރައްދުވާ ގައުމުގެއްގެ ސަރުކާރުގެ ރުހުން ލިބިގެން ކަމަށެވެ. އައިއެމްއެފްގެ ފުލް ރިޕޯޓް އާންމުކޮށްފައިނުވަނީ ދިވެހި ސަރުކާރުގެ ރުހުން ނުލިބިގެން ކަމަށެވެ.