އީވާ އަބްދުﷲ

ޖުލައި ނިމޭއިރު ރިޒާވްގައި ހުންނާނެ ފައިސާގެ އަދަދު ހޯދަން ހުށަހަޅައިފި

Jun 7, 2022
3

ކުރިއަށް އޮތް ޖުލައި މަސް ނިމޭއިރު ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގެ ގޮތުގައި ފައިސާ ހުންނާނެ އަދަދު ހޯދުމަށް ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ލިޔުމުން ޖަވާބު ހޯދާ ސުވާލުތަކެއްގެ ގޮތުގައި ރިޒާވުގެ މައުލޫމާތު ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ އިވާ ކުރެއްވި ސުވާލުގައި ބުނެފައިވަނީ ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ.

ޖޫން މަހާއި ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށް ވުރެ ގިނަ އަދަދުގެ ޑޮލަރު ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަންޖެހޭ ކަމަށް ސުވާލުގައި ކޮށްފައިވެ އެވެ. އަދި 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހަށް ބަޖެޓް ކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ކަމަށްވެސް ސުވާލުގައި ބުނެފައިވެ އެވެ.

އެހެންވެ މާލީ ކަންކަން އެގޮތަށް ހުރުމުން ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑު، ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ސުވާލު ކުރައްވާފައިވެ އެވެ.

ސަރުކާރުން މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ލޯނާ އެކު ދައުލަތުގެ ދަރަނި މިހާރު ވަނީ 99 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.

ދައުލަތުގެ ދަރަނި މިހާރު ހުރި ގޮތުން ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ ރާއްޖެ ވަރަށް އަވަހަށް ބަނގުރޫޓް ވެދާނެ ކަމަށް ބައެއް ބޭފުުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ރާއްޖޭގައި ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް ގެންދަވަނީ ވިދާޅުވަމުންނެވެ.