ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި މިއަދު ހިއްސާކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި އަލީ ޒާހިރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުކުރެއްވުމުގައި އެމްޖޭއޭގެ އިސް ބޭފުޅުން ވަނީ ހެއްކާ ބެހޭ ގާނޫނުގައި ހުރި، ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސް ސޯލިހަށް ދަންނަވާފަ އެވެ. މިގޮތުން ގާނޫނުގައި މަސްދަރު ހާމަކުރުމާ ގުޅޭ ގޮތުން، ގައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާއި މެދު ހުރި ކަންބޮޑުވުންތައް ހިމެނެ އެވެ. މަސްދަރު ހާމަކުރުމާ ގުޅޭ ގޮތުން ގާނޫނަށް ބައެއް އިސްލާހުތައް ގެނައުމަށް ނޫސްވެރިން ބޭނުންވާ ކަމަށާއި އެކަން އަވަސްކޮށްދިނުމަށްވެސް ދެންނެވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ސަރުކާރުން ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާ އެކަމުގެ ބޭނުން އެމްޖޭއޭގެ އިސް ބޭފުޅުންނަށް ސާފުކޮށްދެއްވާފަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި މިސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް ހުރިހާ ފަރާތްތަކަކަށްވެސް ރައްކާތެރިކަން ހޯދައިދެއްވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާއި ގުޅުންހުރި ކުށްތައް، ގާނޫނުގައި ސާފުކޮށް ބަޔާންކޮށް، ގާނޫނު އިސްލާހު ކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަަމަށެވެ. މީގެ އިތުރުން މިހާރު އެކުލަވާލަމުންދާ މީޑިއާގެ ބިލާއި ގުޅޭ ގޮތުންވެސް ނޫސްވެރިންގެ ހިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވަނީ ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށް އަދި ހަމަސް ދުވަސް އެބައޮތް ކަން ފާހަގަކުރައްވައި، އެ ގާނޫނުން ނޫސްވެރިންނަށް ލިބިދޭ ހައްގުތަކާއި މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނެ ގޮތްތަކާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ގޮތްތަށްވެސް އޮޅުންފިލުއްވާ ދެއްވާފަ އެވެ. އަދި ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައިވަނީ، މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމުގައިވެސް ބަންޑާރަނައިބް ވިދާޅުވި އެވެ.
ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނު މަޖިލީހުން ފާސްކުރުމުން އެ ބިލް މިމަހުގެ 18 ވަނަ ދުވަހު ރައީސް ސޯލިހް ތަސްދީގު ކުރެއްވީ އެކަން ނުކުރައްވާ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާލަ ދެއްވުމަށް ނޫސްވެރިންގެ ޕެޓިޝަނަކުން ރައީސްއަށް ދަންނަވާފައި ވަނިކޮށެވެ.