ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ކިންގް ސަލްމާން މިސްކިތަށް ބަދަލުކޮށް ކިޔަވައިދިނުމަށް ތައްޔާރުވެއްޖެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ސަލްމާން މިސްކިތަށް ބަދަލުކުރީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި މަރުކަޒުގެ އިމާރާތް ބޭނުންކުރަން ދަތިވާ ވަރަށް ހަލާކުވެފައިވާތީ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު މަރުކަޒުގެ ކޯސްތައް ފެށުމަށް މިހާރު ނިންމާފައިވަނީ ސަލްމާން މިސްކިތުގަ އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވީ ނަމަވެސް އިންޓަނެޓް ފަދަ ބައެއް ވަސީލަތްތައް އަދި ސަލްމާން މިސްކިތުގައި ގާއިމުކުރެވިފައި ނުވާތީ އިދާރީ ބައެއް މަސައްކަތްތައް އަދި ކުޑަދުވަސް ކޮޅަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިހާރުވެސް ބޭނުންކުރާ މަރުކަޒުގަ އެވެ.
ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ކޯސްތަކާއި އެމަރުކަޒުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަލްމާން މިސްކިތުގެ ސެމިނާ ރޫމަކާއި، ކޮންފަރެންސްތައް ބޭއްވުމަށް އޮޑިޓޯރިއަމް ބޭނުންކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒަކީ އެކި އުމުރުފުރާތަކުގެ މީހުންނަށް ގުރުއާން ކްލާސްތަކާއި ކޯސްތައް ހިންގައިދީ އަދި ގާރީ ކޯހާއި އިމާމް ކޯހުގެ އިތުރުން ހާފިޒުން ވެސް ތަމްރީން ކުރާ މަރުކަޒެކެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ގުރުއާން މުބާރާތްތަކުގައި ރާއްޖޭން ބޭރުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށްޓަކައި މީހުން ތަމްރީން ކުރުމަކީ ވެސް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރަމުންދާ މަސައްކަތެކެވެ.