ކުރީގެ ދެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނަށް އަމާޒުކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް މުހައްމަދު ނާޒިމު ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ދެ ރައީސުންނަށް ފާޑުވިދާޅުވެ ނާޒިމު މިއަދު ޓްވީޓެއް ކުރެއްވި ނަމަވެސް އެ ދެ ބޭފުޅުންގެ ނަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ނާޒިމު ވިދާޅުވީ ވަތަނީ ލީޑަރުން އިސްކުރާނީ އެންމެ ފުރަތަމަ ގައުމު ކަމަށެވެ. ވެރިކަންކޮށް ފެއިލްވެފައި ތިއްބެވި ލީޑަރުން ވެރިކަމަށް ފައިނެންގެވުން ހުއްޓަވާލެއްވުމަށްފަހު އާ ބޭފުޅުންނަށް ގައުމުގެ ހައްގުގައި ފުުރުސަތު ދޭން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"ތާއަބަދަށް ވެރިކަން ކުރުމުގެ ހުވަފެނުން މިންޖުވެ ވެރިކަމުގައި ބަގުޑިބެއްދުން ހުއްޓަން ޖެހޭ." ނާޒިމުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އެމްއެންޕީން ވަނީ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރުމަށް ނިންމާފަ އެވެ. އަދި އެމްއެންޕީގެ ރިޔާސީ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމު ކުރިން ވަނީ އިއުލާން ކުރައްވާފަ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. މީގެއިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް އެ ދެ ޕާޓީގެ ގުޅިފައިވާ ސެނެޓުން ނިންމުމާ ގުޅިގެން އެ ނިންމުން ރައީސް ޔާމީން ގަބޫލުކުރައްވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ވަނީ އިއުލާންކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފޯރި ގަދަވަމުންދާއިރު ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އެ ޕާޓީގެ ލީޑަރެވެ. މިވަގުތު އެ މަގާމުގައި ހުންނެވީ މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް އެވެ.