ރައީސް މުހައްމަދު ނަޝީދު

މެޑަމް ފާތުންނާ އެކު ޔާމީން މިނިވަންކުރަން ނަޝީދު ގޮވާލައްވައިފި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑުއުފުއްލަވައިފި އެވެ.

މެޑަމް ފާތުންނާއި ރައީސް ނަޝީދު ބައްދަލުވީ މާލޭގެ ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ޖަގަހައިގައި އޮތް ކެމްޕޭން ބައްދަލުވުމެއްގައި ފާތުން ބައިވެރިވެވަޑައިގަތުމަށްފަހު އަނބުރާ ގެއަށް ވަޑައިގަންނަވަނިކޮށް މަގުމަތިންނެވެ.

މެޑަމް ފާތުން މުއިއްޒުގެ ޖަގަހައަށް ވަޑައިގެންނެވީ އަދި އެނބުރި ގެއަށް ވަޑައިގަތީ ވެސް ހިންގަވާފަ އެވެ.

ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެއްސާއި ރައީސް ނަޝީދުގެ ޕާޓީ -- ދަ ޑިމޮކްރެޓްސްގެ މައި ޖަގަހަ އަދި މުއިއްޒުގެ ކެމްޕޭން ޖަަގަހަ ހުންނަނީ ބޮޑުތަކުރުފާނު މަގުގައި މާދުރު ނޫން ހިސާބެއް ގައެވެ.

މުއިއްޒުގެ ޖަގަހަ ބައްދަލުވުން ނިންމާލެއްވުމަށްފަހު މެޑަމް ފާތުން ވަޑައިގެންނެވިއިރު ނަޝީދު ހުންނެވީ ޑިމޮކްރެޓުންގެ ޖަގަހައިގަ އެވެ.

ދެ ބޭފުޅުން ބައްދަލުވެ ސަލާމު ކުރެއްވި ވަގުތު އެ ސަރަހައްދުގައި ތިއްބެވި ޑިމޮކްރެޓުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާފަ އެވެ. އެމީހުންނާ ބައިވެރިވެ ރައީސް ނަޝީދު ވެސް ވަނީ ޔާމީން މިނިވަންކުރަން ގޮވާލާފަ އެވެ.

ރައީސް ޔަމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެންޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތާއި މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގި ކަމުގެ ކަމުގެ ކުށް ސާބިތުވެގެންނެވެ.

ދަށު ކޯޓުގެ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް އިސްތިއުނާފް އަޑުއެހުންތައް އަދި ނިމިފައެއް ނުވެ އެވެ.