އެމްޑީޕީގެ ކޮންގްރެސް މާފަންނު ޒުވާނުންގެ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ހޮވިފައިވާ އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ޒުވާނުންގެ މަރުކަޒުގައި ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
"ޒުވާނުންގެ މަރުކަޒު ދޫކުރުމަށް ޔޫތު މިނިސްޓްރީގައި ވެސް މިހާރު ވާނީ އެދިފަ،" އިބްރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންގްރެސްގައި މުހިއްމު ނިންމުންތަކެއް ނިންމާނެތީއާއި ކޮންގްރެސްގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ތިއްބަވަންޖެހޭތީ ކޮންގްރެސްގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނާ މިހާރު ހިއްސާކޮށްފައިވާނެ ކަމަށެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސްގައި މެހްމާނުންގެ ގޮތުގައި ބައިވެރިވުމަށް ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަންދޫބުންނަށް ދައުވަތު ފޮނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ކޮންގްރެސްގެ އިންތިޒާމުތައް ވަރަށް ރަނގަޅަށް ފުރިހަމައަށް ރޭވެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ކީނޯޓް ސްޕީޗް ދެއްވަން ހާއްސަ ބޭފުޅަކު ގެނައުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރަމުން އެކަމަކު އަދި ގޮތެއް ނުނިމޭ،" އިބްރޭ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސްގައި ރާއްޖޭގެ އެކި ހިސާބުތަކުން މަދުވެގެން 12،00 މީހުން ބައިވެރިވާނެ ކަމަށެވެ. އަދި އެ މީހުންނަށް ދައުވަތު ފޮނުވާ، އެމީހުން މާލޭގައި ތިބޭނެ ތަންތަން ވެސް ބަލައި ހަމަޖައްސަމުންދާ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މިއީ އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނޭ ޗެއާޕާސަން އާއި، ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރާއި، އަންހެނުންގެ ރޫހުގެ ރައީސްއާއި، ޒުވާނުންގެ ރޫހުގެ ރައީސް ބަދަލުވި ފަހުން ބާއްވާ އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް އެވެ.
އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބާއްވާފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހު އއ. އުކުޅަހުގަ އެވެ. އެ ކޮންގްރެސްގައި ނިންމި އެންމެ މުހިއްމު ނިންމުމަކީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖެއްސުމެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު އެކަނި ވާދަކުރައްވައި ޓިކެޓް ހޯއްދެވި ނަމަވެސް އެމަނިކުފާނު އޭރު ހުކުމެއްގައި ހުންނެވުމާ ގުޅިގެން އިންތިހާބުގައި ވާދަކުރެވެން ނެތުމުންނެވެ.
އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާތީ އެމްޑީޕީން މިމަހު ބާއްވާ ކޮންގްރެސްގައި އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމާނެ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަދުން ވޯޓު ލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމުގެ އުސޫލެއް ގާނޫނުއަސާސީގައި ހިމެނުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ. އެފަދަ އިސްލާހެއް ގެންނަނީ އެމްޑީޕީން ކުރިއަށް އޮތް އިންތިހާބުވެސް ކާމިޔާބުކޮށް ވެރިކަމުގައި ތިބެން ރައްޔިތުން ބޭނުންވާތީ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭ އިސްލާހުތަކަށްވެސް ކޮންގްރެސްގައި ބަހުސްކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.