ރައީސް އޮފީސް

ހިދުމަތުގެ އިނާމަށް ނަން ހުށައެޅުން ބުރާސްފަތީގެ ނިޔަލަށް

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.

އެ އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން އިނާމަށް ހުށަހެޅުމުންނެވެ.

މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނެވެ. ބުރާސްފަތި ދުވަހުގެ ތިނެއް ޖަހަންދެން ފޯމް ބަލައިގަންނާނެ އެވެ.

އިނާމަށް ހުށަހަޅާއިރު ފޯމުގައިވާ ހުރިހާ މައުލޫމާތުތައް ފުރިހަމަ ކޮށް އަދި ކަމާބެހޭ ހުރިހާ ލިޔުންތަކާއެކު ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ސަމާލުވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އެދެއެވެ.