ދުންޔާ މައުމޫން

އެންމެ ގިނަ ވައްކަންކުރީ ޔާމީންގެ ސަރުކާރުން: ދުންޔާ

Aug 3, 2022
5

ރާއްޖޭގައި އެންމެ ބޮޑެތި ވައްކަމުގެ މައްސަލަތައް ހިންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް ރައީސް ޔާމީންގެ ކޮއްކޮ އަދި އެ ސަރުކާރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނާ އެކު މަސައްކަތް ކުރެއްވުމަށްފަހު ޔަމީންގެ ވެރިކަން ނިމުމުން ދުންޔާ ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި މުހައްމަދު ނާޒިމު ރައީސް ކަން ކުރައްވަމުން ގެންދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގެންފަ އެވެ. އަދި އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް އަކީ ވެސް ދުންޔާ އެވެ.

ރައީސް ޔާމީނަށް ފާޑު ވިދާޅުވެ ދުންޔާ ވާހަަކަދައްކަވާފައި މިވަނީ ކާނަލް ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ މަރުދުވަހާ ޖެހެންދެންވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވާ ނާޒިމު ވެސް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ގައުމު ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޔާމީން ކަމަށް ނާޒިމު ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވާ ދުންޔާ އާންމު ކުރެއްވި ވިީޑިއޯ މެސެޖުގައި ވިދާޅުވީ ގައުމުގައި އެންމެ ބޮޑެތި ވައްކަމުގެ މައްސަލަތައް ހިންގާފައިވާ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ އިދިކޮޅު ލީޑަރުން ޖަލަށްލާފައިވާ ކަންވެސް ދުންޔާ ވަނީ ހަނދާންކޮށްދެއްވާފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދުންޔާ އެކަން ސިފަކުރެއްވީ އެއީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މޫސުމެއްގެ ގޮތުގަ އެވެ. އަދި އެފަދަ ކަންކަމާ އަދިވެސް ކުރިމަތިލާންޖެހިދާނެތީ ސަމާލުވެ ތިއްބެވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީނާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް އަމާޒު ކުރައްވާ ދުންޔާ އިތުރަށް ވިދާޅުވީ ފާއިތުވި ދެ ސަރުކާރަކީވެސް ފެއިލްވި ދެ ސަރުކާރުގެ ގޮތުގައި ރައްޔިތުން ދެކޭ ކަމަށެވެ. އެހެންވެ ސަރުކާރުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނާޒިމަށް ރައީސް ޔާމީން ފާޑުވިދާޅުވުމާ އެކު ޕީޕީއެމްއާއި އެމްއެންޕީގެ އިސްވެރިންގެ ސޯޝަލް މީޑިއާގައި ގެންދަވަނީ އެއް ބަޔަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ޕީޕީއެމްއާއި އެމްއެންޕީ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓުން ނެރެން ނިންމާފައިވާ ދެ ޕާޓީ އެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމުމުން ރައީސް ޔާމީން ވަނީ އެކަން ގަބޫލުކުރައްވާފައި ކަމަށްވެސް ޕީޕީއެމުން ބުނެފައިވެ އެވެ. އެމްއެންޕީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމު ވެސް ވަނީ ވިދާޅުވެފަ އެވެ.