ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ރާއްޖެ ވަޑައިގެންފި

Aug 5, 2022

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހް ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބް ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށާއި މުމްބާއީއަށް ޒިޔާރަތްކުރައްވާފަ އެވެ.

ރައީސް ފުރަތަމަ ވަޑައިގެންނެވީ ނިއުދިއްލީއަށެވެ. ނިއުދިއްލީގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި މީގެ ކުރިން އަދި މިހާރުވެސް ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އަދި ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުންބަދަހި ކުރުމާ ގުޅޭ ތަފާތު ހަ އެއްބަސްވުމެއް ބަދަލުކުރެވުނެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި، ތަމްރީނާއި ގާބިލްކަން އިތުރުކުރުމާއި ތަރައްގީގެ މުހިއްމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފަ އެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ތެރޭގައި ހިމެނެނީ މާލެ، ވިިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މިބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ރައީސް ސޯލިހް ވަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް މީގެ ކުރިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް އިތުރު 100 މިލިއަން ޑޮލަރު ލިބޭނެ މަގު ފަހިކޮށްދެއްވާފައިވާތީ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މާލެ ސަރަހައްދުގައި ތަރައްގީކުރުމަށް ނިންމާފައިވާ 4،000 ހައުސިން ޔުނިޓްގެ އިތުރުން އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެގްޒިމް ބޭންކުން ފައިނޭންސް ހަމަޖައްސަވާފައިވާތީ އެކަންވެސް ފާހަގަކުރައްވާފައިވެ އެވެ. މީގެ އިތުރުން ދިވެހި ސިފައިންގެ އުމްރާނީ ވަސީލަތްތަކާއި، އުޅަނދުފަހަރާއި، އާލާތްތައް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ދެ ބޭފުޅުން ވަނީ މީޑިއާއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާނެއް ވެސް ދެއްވާފައެވެ. ބަޔާން ދެއްވަމުން ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި މި ސަރަހައްދުގެ ސުލްހައާއި ތަރައްގީއަށް ދެ ގައުމުންވެސް ގެންގުޅޭ ތަސައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.

ރައީސް ސޯލިހް ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފަ އެވެ. ދްރައުޕަތީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބައްދަލުކުރެއްވި ބޭރު ގައުމެއްގެ ފުރަތަމަ އިސްވެރިޔަކީ ވެސް ރައީސް ސޯލިހް އެވެ.

އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އިންޑިއާގެ ރައީސްގެ މަގާމަށް އެކަމަނާ ވަޑައިގެންނެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެކަމަނާގެ ދައުރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިއަން ޖަޔަޝަންކަރާ ވެސް ބައްދަލުކުރައްވާފަ އެވެ.

ނިއުދިއްލީއަށްފަހު ރައީސް ސޯލިހް ވަޑައިގެންނެވީ މުމްބާއީ އަށެވެ. ރައީސް ސޯލިހާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މުމްބާއީއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވައި، މަހާރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ ވަނީ ރައީސް ސޯލިހަށް މެންދުރުގެ ހާއްސަ ފަރިއްކޮޅެއް ދެއްވާފަ އެވެ. މި ފަރިއްކޮޅުގައި ރައީސް ސޯލިހާއި މަހާރާޝްތްރާގެ ގަވަރުނަރު ވަނީ ދެ ގައުމުގެ މަސްލަހަތު އޮތް މުހިންމު މައްސަލަ ތަކުގައި ވާހަކަފުޅު ދައްކަވައި ކުރިމަގުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ރައީސްގެ އިންޑިއާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ނިއުދިއްލީއާއި މުމްބާއީގައި ބޭއްވި އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. މިގޮތުން ނިއުދިއްލީގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އިންޑިއާގެ ވިޔަފާރިވެރިން، ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކުގެ ބޭނުންހިފައި ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފަ އެވެ.

ރައީސް ސޯލިހް ވަނީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައި އެތަނުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓް ސްޓާފުންނާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ. މި މަޝްވަރާތަކުގައި ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ވަނީ ރާއްޖޭގެ ސްޓޮކް މާކެޓު ތަރައްގީކޮށް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ރައީސްގެ އިންޑިއާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ދެވަނައަށް އެންމެބޮޑު ކޮންޓެއިނާ ހޭންޑްލިން ޕޯޓް ކަމުގައިވާ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ)އަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ. މިޒިޔާރަތުގައި ޖޭއެންޕީޓީގެ ޗެއާމަން ސަންޖޭ ސެތީ ވަނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ބަނދަރުގެ މުހިއްމު ތަންތަނަށް ވަޑައިގެން ބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަސީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ. އިންޑިއާ އަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެކެވެ. ސަރުކާރުން މިހާރުވެސް އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތަކާއި މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް އިންޑިއާގެ އެހީގައި ކުރިއަށް ގެންދެ އެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.