އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ފަންޑިން ޕްރޮގްރާމްތަކެއް ތައާރަފުކޮށްފި އެވެ.
އެކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އެލައިޑް ކޮމިއުނިޓީ ފަންޑް" އާއި "އެލައިޑް އެޑިޔުކޭޝަން ފަންޑް" ތައާރަފުކޮށްދެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން އެވެ.
އެލައިޑް ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.
މިފުރުސަތަށް އެދި މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމާފަ އެވެ.
ޕްރިމިއަމް ފޯ ގުޑް އޮނިގަނޑަށް އަލަށް އިތުރުވި ދެވަނަ ފަންޑިން ޕްރޮގްރާމް -- "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ. އެގޮތުން މިޕްރޮގްރާމް މެދުވެރިކޮށް ފަންޑިންއަށް އެދުމަށް ހުރި ފުރުސަތުތަކަކީ ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތައް ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.
މިފުރުސަތަށް އެދި މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ އަށް ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވެސް ނިންމާފައިވެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ އެލައިޑް ފަންޑިން ޕްރޮގްރާމްސް އަކީ އެލައިޑުން ވަރަށް އުއްމީދާއި އެކު ރާވަމުން އައި ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ އެންމެންނަށްވެސް އެ މުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށެވެ. އެހެންކަމުން އެލައިޑުން ތައާރަފް ކުރި ފަންޑިން ޕްރޮގްރާމްސް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖުތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ހިންގުމުގެ މަގުސަދެއް ކަމުގައިވެސް ފިރުޝާން ފާހަގަ ކުރެއްވި އެވެ. އަދި މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އެލައިޑް ވެބްސައިޓުން އިން ލިބޭނެ ކަމުގައި ފިރުޝާން ވިދާޅުވި އެވެ.
2018ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.