ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެމެރިކާ އިން ރާއްޖެއަށް 99،450 ވެކްސިން ޑޯޒް ހަދިޔާކޮށްފި

Aug 8, 2022

އެމެރިކާ އިން ރާއްޖެއަށް 99،450 ވެކްސިން ޑޯޒް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ މިއަދު އޮތް ރަސްމިއްޔާތެއްގައި ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު އެވެ.

ކޮވިޑް-19އާ ދެކޮޅަށް ޖަހާ ވެކްސިންގެ ޑޯޒްތަކެއް އެމެރިކާގެ ސަރުކާރުގެ އެހީގައި ހިންގާ ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރީ ކޮވިޑް ވެކްސިން ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމަށް އދ. އިން ގާއިމްކޮށްފައިވާ "ކޮވެކްސް" ފެސިލިޓީ މެދުވެރިކޮށެވެ.

އެމެރިކާ އިން ރާއްޖެއަށް ހަދިޔާކުރީ އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ވެކްސިނެވެ. މިވައްތަރުގެ ވެކްސިންގެ ތެރޭގައި ފައިޒާ ވެކްސިން އަދި މޮޑާނާގެ ވެކްސިން ވެސް ހިމެނެ އެވެ.

އެމެރިކާއިން ފައިޒާ ވެކްސިންގެ 210،000 ޑޯޒް މިއަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮވިޑް ސާމްޕަލްގެ ނަތިޖާ ވަގުތުން ލިބޭ ރެޕިޑް އެންޓިޖެންޑް ޓެސްޓް ކިޓް ތަކެއްވެސް އެމެރިކާ އިން ވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ކޮވިޑް 19ގެ އެންމެ އުދަގޫ ދުވަސްވަރު އެމެރިކާ އަކީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދިން ގައުމެކެވެ. އެގޮތުން ވެކްސިން ޑޯޒް ހަދިޔާކުރުމުގެ އިތުރުން 60 ވެންޓިލޭޓަރު ވެސް ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ.