އެރައިސް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސޯލާ ހަކަތައަށް ހާއްސަ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެކްސެލަރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓަކީ ވޯލްޑު ބޭންކުގެ އެހީގައި އެންޔަވަރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިމަޝްރޫއު އަލުން ބީލަމަށް ލާފައި މިވަނީ މިމަސައްކަތް ކޮށްދިނުމަށް ފުރަތަމަ ހުޅުވާލުމުން އޭރު ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ބީލަންތައް މިދިޔަ މަހު ޕްރީކޮލިފައި ކުރުމަށްފަހު އޭގެތެރޭގައި އެކަށީގެންވާ ބީލަމެއް ހުށަހަޅާފައި ނެތުމުން ކުރީގެ އިއުލާން ކެންސަލް ކުރުމަށްފަހު އެވެ.
އަލުން ކުރި އިއުލާންގައި ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.
މިމަޝްރޫއުގެ ދަށުން 40 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް މިބުރުގައި ގާއިމުކުރުމަށް ނިންމާފައިވަނީ 20 ރަށުގަ އެވެ. އެރައިސް މަޝްރޫއުގެ ދަށުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ވެސް މިދިޔަ އަހަރުން ފެށިގެން އެކި މަރުހަލާ ތަކުުގައި ދަނީ ހިނގަމުންނެވެ. އަދި އަލަށް ގާއިމުކުރާ ނިޒާމުގެ ތެރެއިން ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ ގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭ ގޮތަށް 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށް ވެސް ހަމަޖެހިފައިވެ އެވެ.
މި ސަރުކާރުން ކުރިއަށް ގެންދާ މިމަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ ތެލަށް ކުރާ ހަރަދު ކުޑަކޮށް 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމަށް ކުރާ މަސައްކަތް ހާސިލްކުރުމެވެ.