މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްއާ ގުޅޭ ދާއިރާތަކުން ކިޔަވަން ސްކޮލަޝިޕެއް ތައާރަފްކޮށްފި

Aug 9, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތްތަކާ ގުޅޭ ދާއިރާ އަކުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސްކޮލާޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

އެމްޕީއެލް ކޯޕަރޭޓް ސްކޮލަޝިޕްގެ ނަމުގައި ތައާރަފްކުރި މި ސްކޮލާޝިޕް ކުރިއަށް ގެންދިއުމަށް އެމްޕީއެލްއާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

އެމްޕީއެލް އިން ހުރިހާ ހަރަދެއް ކުރުމަށް ނިންމާފައިވާ މި ސްކޮލާޝިޕް ކޮންމެ އަހަރަކު ވެސް ދިނުމަށް ނިންމާފައިވަނީ އޭލެވެލް އިމްތިހާނުން ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކަށެވެ.

ސްކޮލާޝިޕާ ގުޅޭ އިދާރީ ހުރިހާ ކަމެއް ހަމަޖައްސާނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. މީގެތެރޭގައި ކޮންމެ އަހަރަކު އެމްޕީއެލްގެ ސްކޮލަޝިޕް އިއުލާންކުރުމާއި، ސްކޮލާޝިޕް ލިބޭ ދަރިވަރު ހޮވުމާއި، އެވޯޑުކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

މިރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ ތައުލީމީ ޒުވާނުން ބިނާކޮށް ފުރުސަތު ހޯދައިދިނުމަކީ އެމްޕީއެލް އިން އިސްކަންދޭ ކަމެއް ކަމަށެވެ. މިއަދު ތައާރަފްކުރި ސްކޮލާޝިޕަކީ އެގޮތުން ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

މިއަދު ތައާރަފްކުރި ސްކޮލާޝިޕްގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން އިތުރު ހަ ސްކޮލަޝިޕް ފުރުސަތު ހުޅުވާލުމަށްވެސް އެމްޕީއެލް އިން ވަނީ ނިންމާފަ އެވެ.