އައިލެންޑް އޭވިއޭޝަން

ދަތުރުކުރާ މީހުންގެ ސަލާމަތަށް ބޮޑު އިސްކަމެއް ދެން: އައިއޭއެސް

Aug 10, 2022

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދަތުރުކުރާ ޕަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާ ރައްކާތެރިކަމަށް އަބަދުވެސް ބޮޑު އިސްކަމެއް ދޭ ކަމަށް މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނެފި އެވެ.

އައިއޭއެސް އިން ކުންފުނީގެ ދިފާއުގައި ވާހަކަދައްކާފައި މިވަނީ މޯލްޑިވިއަން އިން އޮޕަރޭޓް ކުރާ ސީޕްލޭންތަކުގެ ބައެއް ޕައިލެޓުންގެ އަމަލުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބައެއް މީހުން ސޯޝަލްމީޑިއާގައި އައިއޭއެސްއަށް ފާޑު ކިޔަމުން ދަނިކޮށެވެ.

އާމުންގެ ފާޑު ކިޔުން އައިއޭއެސް އަށް އަމާޒުވީ އެ ކުންފުނީގެ ސީޕްލޭންގެ ޕައިލެޓަކު ކޮކްޕިޓް ތެރޭގައި ސިނގިރޭޓް ބުއިކަމަށް ބުނާ ވީޑިއޯ އަކާއި ސީޕްލޭން ދަތުރުކުރަމުން ދަނިކޮށް ދެ އިންޖީނުގެ ތެރެއިން އެއް އިންޖީން ނިއްވާލި ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުކުރި ހިސާބުންނެވެ.

ފާޑުކިޔުންތަކާ ގުޅިގެން އައިއޭއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެކުންފުނިން އަބަދުވެސް އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ.

އައިއޭއެސް އަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވައިދުތަކާއި އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއް ކަމަށްވެސް ދިފާއުގައި ބުނެފައިވެ އެވެ.

އައިއޭއެސް އިން ވަނީ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ކަމެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި އެކަމެއް ތަހުގީގުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަންވެސް ދީފަ އެވެ.

"އަދި މިފަދަ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިންވެސް ގާތުން ބަލަމުންދާ ކަންތައްތައްކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ" އައިއޭއެސްގެ ބަޔާނުގައިވެ އެވެ.