މީރާ

މީރާ ފަޅާލައި 25 ރުފިޔާ ވަގަށް ނަގައިފި

Aug 10, 2022
1

ދައުލަތަށް އެންމެ ގިނަ އާމްދަނީ ހޯދައިދޭ މައި އިދާރާ -- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައިފި އެވެ.

ފުލުހުން ވަނީ މީރާ ފަޅާލި މައްސަލަ އެ އިދާރާ އަށް ހުށަހަޅާފައިވާ ކަން ޔަގީންކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހެނދުނު މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މީރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އޮފީހަށް ވަގުން ވަދެފައިވަނީ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. އަދި ވަގަށް ގެންދިޔަ ހަމައެކަނި އެއްޗަކީ މުވައްޒަފެއްގެ މޭޒުގެ ވަތްގަނޑެއްގައި އޮތް 25 ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ.

މީރާއަށް ވައްކަން ކުރަން ވަދެ އުޅުނު މީހުންގެ ހަރަކާތްތައް އެ އޮފީހުގައި ހުރި ސީސީޓީވީ ކެމަރާތަކަށް ވަނީ ރެކޯޑްވެފަ އެވެ.

މީރާ އަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާ ދައުލަތުގެ މުހިއްމު އިދާރާތަކުގެ ތެރޭގައި ހިމެނޭ އިދާރާ އެކެވެ.