ހަބަރު

ޕާކިން ޖޫރިމަނާ 250 ރުފިޔާއަށް ލިމިޓްކޮށްފި

Sep 2, 2020
1

ގަވައިދާ ހިލާފަށް ވެހިކަލް ޕާކުކޮށްގެން ކުރާ ޖޫރިމަނާ 250 ރުފިޔާ އަށް ވުރެ އިތުރުނުވާ ގޮތަށް ހަމަޖައްސައިފި އެވެ.

މީގެ ކުރިން އޮންނަ ގޮތުން، ފުރަތަމަ ފަހަރަށް ޖޫރިމަނާގެ އަދަދަކީ 250 ރުފިޔާ ނަމަވެސް، ގަވައިދާ ހިލާފަށް ޕާކުކުރާ ދެވަނަ ފަހަރު ނަމަ 500 ރުފިޔާ އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ފަހަރަކު 750 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

ނަމަވެސް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ތަސްދީގު ކުރައްވާފައިވާއިރު، އެ އިސްލާހުގައި ބުނެފައި ވަނީ، ގަވައިދާ ހިލާފަށް ޕާކު ކޮށްގެން ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 250 ރުފިޔާ ކަމަށެވެ.

ގާނޫނަށް އަލަށް ގެނައި އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ ތިން މަސް ފަހުންނެވެ.

މި އިސްލާހުގެ ދަށުން ޓްރެފިކާ ގުޅޭ އެކި ކުށްތަކުގައި ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ އިތުރުވެފައިވާ މީހުން، އިތުރަށް ޖޫރިމަނާ ކުރުމުގެ ބަދަލުގައި ކޮމިޔުނިޓީ ސާވިސް ނުވަތަ މުޖުތަމައުއަށް ފައިދާ ކުރަނިވި މަސައްކަތެއް ކުރުވުމުގެ އަމުރަކަށް އެދި ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވަނީ ދީފަ އެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް ހަ މަސް ދުވަހާއި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓިދާނެ ގޮތަށް ހެދުމަށް ވެސް ގާނޫނު ވަނީ އިސްލާހުކޮށްފައި ވެއެވެ.

އަދި ގާނޫނުގެ ދަށުން ކުރާ ޖުރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް އެ މިނިސްޓްރީއިން ގާއިމު ކުރަން ޖެހޭނެ ކަމަށް ކަނޑައަޅައިފައިވާއިރު، ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެނަމަ އެ ފައިސާއަކީ އެމީހަކު ދައުލަތަށް ދައްކަން ޖެހޭ މަދަނީ ދަރަންޏެއްކަމުގައި ކަނޑައަޅައި ޝަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށް މި އިސްލާުގައި ވަނީ ބަޔާން ކޮށްފަ އެވެ.