ހަބަރު

ވެހިކަލްތައް ރީރެޖިސްޓްރީކޮށް ބޯޑު ޒަމާނީ ކުރަނީ

Oct 16, 2020
6

އެއްގަމު އުޅަނދުފަހަރުތައް ރީ ރެޖިސްޓްރީކޮށް، ވެހިކަލްތަކުގެ ނަންބަރު ބޯޑު ޒަމާނާ އެއް ގޮތަށް ބަދަލު ކުރަން އަންނަ އަހަރު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން ބުނެފި އެވެ.

އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރަންސް ކުރަން ނުޖެހޭ ގޮތަށް ހެދުމުގެ އިތުރުން އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރަމުންދާ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލު ވަނީ އިއްޔެ ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރޭ ފުލުހުންގެ ފަރާތުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ އެއް ގަރާޖެއްގައި އެތަކެއް ސަތޭކަ ވެހިކަލެއް ރަޖިސްޓްރީކޮށްފައިވާ މައްސަލަ ކުރިމަތި ވަނީ، ތަންފީޒީ އިދާރާތަކަށް އެކަން ބެލެނޭ ހަރުދަނާ ނިޒާމެއް ނެތުމުން ކަމަށެވެ.

މިގޮތުން، ވެހިކަލްތައް އަލުން ރީ ރެޖިސްޓްރީކޮށް، ނަންބަރު ބޯޑުތައް ބަދަލުކޮށް، އެ ވެހިކަލެއް ރެޖިސްޓްރީ ކޮށްދީފައިވާ ސީދާ ތަނެއް، ކަމާ ގުޅޭ ހުރިހާ އިދާރާތަކަށްވެސް އެއް ތަނަކުން ބަލައިލެވޭނެ ފަދަ ފަސޭހަ ޕޯޓަލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންމެ މުހިއްމު އެއް ކަމަކީ ފުލުހުންގެ ކެމެރާތަކަށް ވެސް އަރާ ގޮތަށް، އެ ވެހިކަލެއް ނިސްބަތްވާ ސީދާ ރަށެއް ވެސް އެނގޭ ގޮތަށް ނަންބަރު ބޯޑުތައް ބަދަލު ކުރުން ކަމަށް ސަމީރު ވިދާޅުވި އެވެ.

"މިހާރު ނަންބަރު ޕްލޭޓުތައް މިހުރީ ވަރަށް އޮޅުން އަރާ ގޮތަށް. އަޅުގަނޑުމެން ބަދަލު ގެންނައިރު، ފޮންޓު ސައިޒާއެކު ރަށެއްގެ ނަންބަރުތައް ވަކިން އެނގޭ ގޮތަށް، ކޮންމެ ރަށަކަށް ވަކި އަކުރެއް ދެވޭނެ. އިންޑަސްޓްރިއަލް އޭރިއާތަކުގައި ރެޖިސްޓްރީކޮށްދޭ އުޅަނދުތައް ވެސް ރިޕީޓް ނުވާގޮތަށް، ވަކި އަކުރެއްގެ ދަށުން ހުންނާނީ. މިހާރު ހުންނަ ނަންބަރު ޕްލޭޓުތައް ސްޕީޑް ކެމެރާތަކަށް ފަސޭހައެއް ނޫން ރީޑް ކުރާކަށް. އަލަށް ގެންނަ ބޯޑުތައް ހުންނާނީ ދަނގަނޑުން، އެމްބޮސްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ އެކި ކުށްތަކުގައި ވަގު ބޯޑުތައް ޖަހައިގެން އުޅަނދުތައް ބޭނުންކުރާ ކަމަށެވެ. އަދި ކެމެރާތަކަށް އެ ބޯޑު ނާރާ ކަމުގެ ޝަކުވާތައް ފުލުހުން ކުރާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ވެހިކަލްތައް ރީރެޖިސްޓްރީކޮށް އާ ނަންބަރު ބޯޑުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ތެރޭގައި ފަށަން އުއްމީދު ކުރައްވައި ކަމުގައި ޝިމާޒް ވިދާޅުވި އެވެ.