ހަބަރު

މާލޭގައި ޕާކިންއަށް ހަތް އިމާރާތެއް އަޅަނީ

Oct 16, 2020
2

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަތައް ހައްލު ކުރަން މާލޭގެ ހަތް ސަރަހައްދެއްގައި ޕާކިންނަށް ހާއްސަ އިމާރާތްތަކެއް އަޅަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރަންސް ކުރަން ނުޖެހޭ ގޮތަށް ހެދުމުގެ އިތުރުން އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މިދިއަ އޯގަސްޓް މަހު މަޖިލީހަށް ބަލައިގެންފައިވާއިރު، އެ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ވަނީ އިއްޔެ ހާޒިރު ކޮށްފަ އެވެ.

އެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ އަހަރެއްގެ ތެރޭގައި އެވެރެޖުކޮށް 13،000 އެއްހާ ވެހިކަލް ރާއްޖެއަށް އެތެރެކުރާ ކަމަށެވެ.

އެއީ ދުވާލަކު 30 އާއި 40 އާދެމެދުގެ އަދަދެއް ކަން ފާހަގަ ކުރައްވަމުން ޝިމާޒު ވިދާޅުވީ މާލޭގެ ކެޕޭސިޓީއަށް ބަލާއިރު، މިހާރު އެތެރެ ކޮށްފައިވާ ވެހިކަލްތައް މަދު ނުކޮށް، އަންނަ އަހަރުވެސް އެތެރެ ކުރެވޭ އިތުރު ވެހިކަލުތަކަށް ހާއްސަކޮށް މާލޭގައި ޖާގައެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ޕްލޭނިން މިނިސްޓްރީ އިސްވެ، މާލޭގެ ހަތް ސަރަހައްދެއްގައި ޕާކިންނަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް ދެ ސަރަހައްދެއްގައި އެ މަސައްކަތް ކުރެވެމުންދާކަމަށް މައުލޫމާތު ލިބިފައިވަނީ،" ހީނާމާގޭގައި ހުރި ބިމަކީ އެތަނުން އެއް ސަރަހައްދުކަން ފާހަގަކުރައްވަމުން ޝިމާޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން 60 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހެދި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބަހައްޓަން ނިންމި އެވެ. އަދި ބައެއް ސަރަހައްދުތަކުގައި އެތަކެތި ގާއިމް ކުރި ނަމަވެސް އެއިން އެއްވެސް ސިސްޓަމެއް ބޭނުން ކޮށްފައެއް ނުވެ އެވެ. އަދި އެތަކެތި އެގޮތަށް ހުރެ، ނުބެލެހެއްޓި ވަނީ ބާދަގަނޑަށް ވެފަ އެވެ.

ހީނާމާގޭގައި ވެސް ބެހެއްޓީ 300 ސައިކަލު ޕާކު ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމެކެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެ ސިސްޓަމް ނަގައިފަ އެވެ.