ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އަށް ބޭފުޅުން ކުރިމަތިލައްވައިފި

Aug 11, 2022

ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރުމުން އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީން މިދިޔަ ޖުލައި މަހުގެ ހަތްވަނަ ދުވަހު ކުރި އިއުލާންގެ މުއްދަތު ހަމަވީ ބުދަ ދުވަހު އެވެ.

ޖޭއެސްސީން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތުވެސް ހާމަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން:

  • އުއްމުކުލްސޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ
  • އިބްރާހީމް އިޙްސާން / އެށެވެލި، ސ. މަރަދޫ
  • އާމިނަތު އަޒްލިފާ / ގުލާބީގެ، ރ. ރަސްގެތީމު
  • މުހައްމަދު ޢާސިރު / ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫ
  • ސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ. ކުރެންދޫ
  • ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
  • އަމްޖަދު އަބްދުލްޣަނީ / ސޯސަންމާގެ، ފ .ބިލެތްދޫ
  • ސިޔާމާ މުހައްމަދު / ދަފްތަރު ނަންބަރު ރސ 13194 މާލެ

ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާއާ އެކު ޖުމްލަ 48،300 ރުފިޔާ ލިބެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.

ކްރިމިނަލް ކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ ނުވަ ގާޒީންނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބޭފުޅަކު ހޯދުމަށް އިއުލާން ކުރީ އެ ކޯޓުގައި ނުނިމި ފުނިޖެހިފައި ހުރި މައްސަލަތައް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ފަށާފައިވާ ވަގުތެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ޖަލްސާތައް ނިންމުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީވެސް ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމަން އިތުރު ގަޑީގައި މަސައްކަތް ކުރައްވާ ގާޒީންނަށް އިތުރު އެލަވަންސެއް ދިނުމަށް ފާސްކޮށްފަ އެވެ.