ފާހިޝް އަމަލުތަކުގެ މަންޒަރުތައް މީޑިއާގެ ވަސީލަތްތަކުގައި އާންމުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް ހަދަންޖެހޭ ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑީއޯތަކާއި ފޮޓޯތައް މީޑިއާގެ ތަފާތު ވަސީލަތްތަކުގައި ބައެއް މީހުން އާންމުކުރަމުންދާ ވަގުތެއްގަ އެވެ.
މިމައްސަލައާ ގުޅުވާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި ސޯޝަލްމީޑިއާ ޕްލެޓްފޯމު ތަކުގައި ފަތުރާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދުކުރަންޖެހޭ ކަމަށެވެ. އެކަން ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަޚްލާގިއްޔަތު އެއްކޮށް ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ފާހިޝް އަމަލުތަކުގެ މަންޒަރުތައް އާންމުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގާނޫނީ އޮނިގަނޑެއް ހަދަންޖެހޭ ކަމަށް އިމްރާން ވިދާޅުވިިއިރު އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގައިވާ ގޮތުން މިހާރުވެސް ގާނޫނީ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން ބައެއް މީހުންނަށް ހުކުމްކޮށް ޖަލަށްލާފައިވެސް ވެއެވެ.
ފާހިޝް މަންޒަރުތައް އާންމުނުކުރުމަށާއި ސޯޝަލް މީޑިއާގައި ނުފެތުރުމަށް ބައެއް ދީނީ އިލްމުވެރިން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ. އަދި ފާހިޝް އަމަލުތައް ހިންގާ މީހުންނަށް އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ހުކުމްތައް ކަނޑައެޅުމަށްވެސް ގެންދަނީ ގޮވާލަމުންނެވެ.
ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެންޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯތައް އާންމުވަމުންދާއިރު ފުލުހުން ގެންދަނީ އެކަން ކުރާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ހޯދައި އެމީހުން ދެނެގަނެ ހައްޔަރުކޮށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ.