އެޗްޕީއޭ

ރޯގާއާއި އާންމު ބަލިތައް އިތުރުވެއްޖެ

Aug 11, 2022

ރޯގާއާއި އާންމު ބަލީގެ ގޮތުގައި ފެތުރެމުންދާ ބަލިތައް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީއާއި، އަރިދަފުސް ރޯގާއާއި، ހޮޑުލުމާއި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މިދިޔަ ޖޫން މަހަށް ވުރެ މިދިޔަ ޖުލައި މަހު ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. ޖޫން މަހު 294 މީހަކު ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު 322 މީހަކު ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.

އަރިދަފުސް ރޯގާ ޖެހިގެން ޖޫން މަހު 21،802 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު 27،553 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ޖޫން މަހު 2،379 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު ޖުލައި މަހު އެ އަދަދު އުޅެނީ 3،103 މީހުން އެކަމުގައި ޑޮކްޓަރަށް ދައްކާފައިވެ އެވެ.

ކޮންމެ އަހަރަކުވެސް ވިއްސާރަ ދުވަސްވަރު މަދިރިން ޖެހޭ އާންމު ބަލިތައް އިތުރުވާތީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި ސާފުތާހިރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.