ރާއްޖެ ކުޅިވަރު

މަހިބަދޫގެ ކޯޗަކަށް ސްޓޮއިކޯފް ހަމަޖައްސަައިފި

މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ރާއްޖޭގެ ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ޔޯރްދާން ސްޓޮއިކޯފް ހަމަޖައްސާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މަހިބަދޫ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވީ ސްޓޮއިކޯފް މަހިބަދޫގެ ކޯޗަކަށް ހަމަޖައްސައި، އަންނަ މަހުގެ މެދުތެރޭގައި އެ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ސްޓޮއިކޯފްގެ އިރުޝާދުގެ ދަށުން ނިއު އާއި ގައުމީ ޓީމަށް ކުރިން ކުޅުނު ޓޮމް ވިދާޅުވީ ސްޓޮއިކޯފްގެ އިރުޝާދުގެ ދަށުން މަހިބަދޫ އަށް ކުރިއަށް އޮތް ސީޒަނަށް ކަނޑައަޅާފައިވާ "ޓާގެޓަށް" ދެވޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މި ފަދަ މޮޅު ކޯޗެއް ހޯދުމުގެ ބޭނުމަކީ މަހިބަދޫގެ ފުޓްބޯޅަ ކުރިއެރުވައި ތަރައްގީކުރުން. އުންމީދަކީ މަހިބަދޫގެ ނަން ދިވެހި ފުޓްބޯޅައިގައި އަބަދު ވެސް ވިދަމުން ދާނެ ގޮތްތަކެއް ހޯދުން،" ޓޮމް ވިދާޅުވި އެވެ.

ހަވީރުން ހޮވަމުންދާ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު އެންމެ ފުރަތަމަ ހޯދި ސްޓޮއިކޯފް ވަނީ 2009 ވަނަ އަހަރު ނިއުގެ ކޯޗުކަން ކޮށްފަ އެވެ. އެކަމަކު ސީޒަންގެ ވަކި ހިސާބަކުން ނިއު އިން ވަނީ އޭނާ ފޮނުވާލައިފަ އެވެ. ސްޓޮއިކޯފް އެންމެ ފުރަތަަމަ ރާއްޖެ އައީ 1999 ވަނަ އަހަރު، ގައުމީ ޓީމުގެ ކޯޗަކަށެވެ. ދެަހާސް ވަނަ އަހަރު އޮތް ގޯލްޑަން ޖުބްލީ މުބާރާތަށް ފަހު ގައުމީ ޓީމުން ވަކިވެ، އޭނާ 2004 ވަނަ އަހަރު އަލުން ރާއްޖެ އައީ ނިއުގެ ކޯޗަކަށެވެ. ސްޓޮއިކޯފްގެ އިރުޝާދުގެ ދަށުން ނިއު އިން ވަނީ 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީން ޖާގަ ހޯދައިފަ އެވެ. އެ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް ވެސް ސްޓޮއިކޯފް ވަނީ އިރުޝާދު ދީފަ އެވެ.

މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކޮށް، ގަދަ ހައެއްގެ ޖާގަ މަހިބަދޫން ހޯދީ މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުންނެވެ. މިދިޔަ ސީޒަނަށް ފަހު މޯހަން ވަނީ އެފްއޭއެމްގެ މަގާމަކާ ހަވާލުވެފަ އެވެ.