ދުނިޔޭގެ ސުޕަ ހައިވޭ ސީ-މީ-ވީ-6 ސަބްމެރިން ކޭބަލް ސިސްޓަމާއި ދިވެހިރާއްޖެ ގުޅާލުމަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ދިރާގުން ފަށައިފި އެވެ.
މިއަހަރުގެ ކުރީކޮޅު ދިރާގުން ދުނިޔޭގެ ވަރުގަދަ މުވާސަލާތީ އަދި ޓެކްނޮލޮޖީ 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް އަމަލީގޮތުން ވަނީ ފަށާފަ އެވެ. މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝިއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖު ތަކަށް ދިރާގުގެ ނެޓްވާކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި މަޝްރޫއުގެ ދަށުން ދިރާގުން ދަނީ ރާއްޖޭގެ ކޭބަލް ބްރާންޗު ހުޅުމާލޭގައި ލޭންޑްކުރުމަށް ބެނުންވާ ކޭބަލް ލޭންޑިން ސްޓޭޝަން ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވަނީ ލޭންޑިން ސްޓޭޝަން ހެދުމަށް ބޭނުންވާ ބިން ހުޅުމާލެއިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލް އަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން ހަދާފައިވާ ހައިސްޕީޑް ސަބްމެރީން ކޭބަލް އެކެވެ. ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމްގެ ތެރެއިން ދެކުނު އޭޝިޔާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅާލާ ނިމޭއިރު ރާއްޖެ ވެސް މިސިސްޓަމް ތެރޭގައި ހިމަނަން ވަނީ ހަމަޖެހިފަ އެވެ.
ސިންގަޕޫރުން ފެށިގެން ފްރާންސާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ނިމޭނެ އެވެ.
މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާއި ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ.
ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިއްމު މަންޒިލް ތަކަކާއި ސީދާ ގުޅާލުމުގެ ސަބަނުން، އިންޓަނެޓްގެ ސްޕީޑާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ހަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން މި ކޭބަލްގެ ޒަރިއްޔާއިން 5ޖީ ފަދަ އަލަށް ތައާރަފްވާ ޓެކްނޮލޮޖީތަކާއި އާޓިފިޝަލް އިންޓެލިޖެންސާއި އޭއާރްގެ ކުރިއެރުންތައް ދިރާގުގެ ވިޔަފާރި އަދި ގޭމާރ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ދިރާގަކީ ކަސްޓަމަރުން ބޭނުންކުރަމުންދާ ދިރާގުގެ ޑިޖިޓަލް ހިދުމަތްތަކުން ލިއްބައިދޭ ފަސޭހަތައް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ހިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ.