ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ގިނަ ބަޔަކު ބޭނުންކުރާ ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާގެ ހިދުމަތް ރާއްޖޭގައި މެދުކެނޑިއްޖެ އެވެ.
ވެސްޓަން ޔުނިއަންގެ ރާއްޖޭގެ އެޖެންޓަކީ ވިލާ ކުންފުނިން ހިންގާ އައިލެންޑް ފައިނޭންޝަލް ސާވިސަސް އެވެ.
ހިދުމަތް މެދުކެނޑުނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ދޫކޮށްފައިވާ ލައިސަންސް މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ހިފެހެއްޓުމުންނެވެ. އެފަދަ ފިޔަވަޅެއް އެޅި ސަބަބެއް އެމްއެމްއޭ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލައިސަންސް ހިފެހެއްޓީ އެމްއެމްއޭ އިން އިސްލާހުކުރަން އެންގި ކަންތައްތަކެއް އިސްލާހުކޮށްފައި ނުވާތީ އެވެ.
ވިލާގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ އެމްއެމްއޭ އިން ފިޔަވަޅު އެޅީ ހިދުމަތް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަނަށް ވަގުތުން ވަގުތަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުން ލަސްވާތީ ކަމަށެވެ. އެމަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މާދަމާ އަލުން ހިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ވެސްޓަން ޔުނިއަންގެ ހިދުމަތަކީ ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން އެމީހުންގެ ގައުމަށް ފައިސާ ފޮނުވުމަށް އާންމުކޮށް ބޭނުންކުރާ ހިދުމަތެކެވެ. ބައެއް ދިވެހިންވެސް ވެސްޓަން ޔުނިއަންގެ ހިދުމަތް ބޭނުންކުރެ އެވެ. މި ހިދުމަތް މިވަގުތަށް މެދުކެނޑިފައިވާތީ ބައެއް މީހުން ދަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.