ޓޫރިޒަމް

އަމާރީ ހަވޮއްޑާ ރިސޯޓް ވިއްކާލަން އިއުލާންކޮށްފި

Aug 13, 2022

ގދ. އަތޮޅުގައި ހިންގާ އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް ވިއްކާލަން ނިންމާ ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އަގުބޮޑެތި އިންވެސްޓްމަންޓްތައް ވިއްކައިދިނުމުގައި ފާހަގަކުރެވޭ ޖޭއެލްއެލް އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހަވޮއްޑާ އަކީ 2016 ވަނަ އަހަރު ރިސޯޓް ހުޅުވި ފަހުން ގެއްލުން ނުވެ ހިންގަމުން ދިޔަ ރިސޯޓަކަށް ވާތީ އެ ރިސޯޓް ގަންނަ ފަރާތަކަށް ދެ ފައިދާއެއް ލިބޭނެ ކަމަށެވެ. އެގޮތުން ފައިދާވާ އިންވެސްޓްމަންޓެއް ވަގުތުން ލިބުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރަން ފުރުސަތު ލިބިގެން ދިއުން ފާހަގަކޮށްފައިވެ އެވެ.

ހަވޮއްޑާގައި 240 އެނދާއި 120 ކޮޓަރި ހުންނައިރު މި ރިސޯޓް ގަންނަ ބަޔަކަށް އެ ބައެއްގެ އަމިއްލަ ބްރޭންޑްގައި ރިސޯޓް ހިންގުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ.

ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕްގެ އެއް ބްރޭންޑް "އަމާރީ"ގެ ދަށުން މިވަގުތު ހަވޮއްޑާ ހިންގި ނަމަވެސް އެރަށް އެންމެ ފުރަތަމަ ކުއްޔަށް ނެގީ ލަންކާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނީގެ ތެރޭގައި ހިމެނޭ ސަންކެން އޯވަސީސްގެ ބޮޑު ހިއްސާއެއް އޮތް ކްރިސްޓަލް ޕްލާޒާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އަމާރީ ހަވޮއްޑާ ރިސޯޓް ވިއްކާލުމުގެ މަސައްކަތް ކޮށްދޭ ޖޭއެލްއެލް އިން ވަރަށް ފަހުން ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި -- ޔުނިވާސަލްގެ ހިއްސާ އޮތް މަޝްހޫރު ދެ ރިސޯޓް ވެސް ވިއްކައިދީފަ އެވެ. އެއީ އއ. ފެސްދޫގައި ހިންގާ ޑަބްލިއު މޯލްޑިވްސް އާއި ކ. ފުރަނަފުށީގައި ހިންގާ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އެވެ.