ކުޅުދުއްފުށި

ސިޒޭރިއަން ހެދުމުގެ ތެރޭ ހާލު ދެރަވި މީހާ މަރުވެއްޖެ

Jan 10, 2016

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށް ފަހު، ލޭ މަނާނުވެގެން ހާލު ސީރިއަސްވި މީހާ އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް ރޭ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ސިޒޭރިއަން ހެދި ފަހުން ލޭ މަނާނުވި، 33 އަހަރުގެ އައިޝަތު ފަރިޔާލް މަރުވެފައި ވަނީ ފަރުވާދެނިކޮށް ރޭ ދަންވަރު 1:30 އެހާކަން ހާއިރު ކަމަށެވެ.

އިއްޔެ މެންދުރު ފަހުން ޓީއެމްއޭގެ ސީޕްލޭނެއްގައި މާލެ ގެނައި އަންހެން މީހާ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ. އައިޖީއެމްއެޗުން ރޭ ބުނީ އަންހެން މީހާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި ނޭވާ ލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

އަންހެން މީހާ ސިޒޭރިއަން ހެދުމަށް ފަހު ލޭ މަނާނުވުމުން، އޭނާގެ ގަޔަށް ގިނަ އަދަދަކަށް ލޭ ވެސް އެޅި އެވެ. އަދި ލޭ މަނާކުރަން ރަހިމު ވެސް ނެގި އެވެ. ސިޒޭރިއަން އަށް ފަހު ނެގި ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.

ހޮސްޕިޓަލުން އެ މައްސަލައިގައި މާ ބޮޑު މައުލޫމާތެއް ހާމައެއް ނުކުރެ އެެވެ. އޭނާގެ އިތުރު ދެ ކުދިން އެބަ ތިއްބެވެ.