ހދ. ކުޅުދުއްފުށިން މަރުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އަބޫބަކުރު ވިދާޅުވީ ކުޅުދުއްފުށީގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު މަރުވެފައިވާ ކަމަށާއި އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ތަސްލީމާ ވިދާޅުވީ އޭނާ ޕޮޒިޓިވް ވި ނަމަވެސް އެއީ ކޮވިޑް ބަލީގައި މަރުވި މީހެއް ގޮތުގައި އަދި ނުނިންމާ ކަމަށާއި ހުރިހާ ލިޔެކިޔުންތައް ހޯދަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާ އަކީ ބޮޑެތި ބަލިތަކަށް ބޭސް ކުރަމުން އައި މީހެކެވެ. މަރުވީ މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓިނުގައި ހުއްޓާ ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށެވެ.
ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 8،000 އަށްވުރެ މަތިވެފައިވާއިރު މިހާތަނަށް 29 މީހަކު މަރުވެފައި ވެއެވެ.