ދުނިޔެ

ސަލްމާން ރުޝްދީއަށް ދިން ހަމާލާ އަކީ އިންޒާރެއް: އީރާން

ސަލްމާން ރުޝްދީއަށް ވަޅިން ދިން ހަމަލާ އަކީ ހުޅަނގަށް ދިން އިންޒާރެއް ކަމަށް އީރާނުން ބުނެފި އެވެ.

އިސްލާމް ދީނާއި ކީރިތި ގުރުއާން އަދި ރަސޫލާ صلى الله عليه وسلم އަށް މަލާމާތްކޮށް ހަޖޫޖެހުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކަށް މޮޅު ލިޔުންތެރިއަކަށް ވެފައި ހުރި ސަލްމާން ރުޝްދީގެ ކަރަށާއި ގަޔަށް ވަޅި ހަރައި ވަނީ ޒަހަމްކޮށްލާފަ އެވެ.

އޭނާގެ ކަރަށާއި ގަޔަށް 12-15 ފަހަރު ވަނީ ވަޅި ހަރާފައިވަ ކަމަށް އޮފިޝަލުން ބުނެ އެވެ. އޭނާއަށް ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ޒަހަމްތައް ފަހައި ހަމައަކަށް އަޅުވަން އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނު ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެ އެވެ.

ފަރުވާ ދިނުމަށް ވެންޓިލޭޓަރަށް ލުމަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

އީރާންގެ ގާނޫން ހަދާ މަޖިލީހުގެ މެމްބަރު މާލިކް ޝަރީއާތީ ވިދާޅުވި ގޮތުގައި އީރާންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަށް ހަމަލާ ދިން ބަޔަކަށް އިންޒާރެއް ގޮތުގައި ސަލްމާން ރުޝްދީއަށް ދިން ހަމަލާ ފުދޭނެ އެވެ.

މާލިކް ޓްވީޓް ކުރައްވައި ވިދާޅުވީ ސަލްމާން ރުޝްދިއަށް ހަމަލާ ދިނުމުގައި އީރާންގެ އަތެއް ސީދާ ގޮތުން އަދި ނުސީދާ ގޮތުން އޮތް ނަމަވެސް ގާސިމް ސުލައިމާނީގެ މަރަށް ބަދަލު ހިފާނެ ކަމަށް ބުނެފައި އޮތް އޮތުން އަދި ވެސް އެ ގޮތުގައި އޮތްކަން ދޭހަވާ ކަމަށެވެ.

ސަލްމާން ރުޝްދީއަށް ދިން ހަމަލާ އަކީ އީރާނަށް ސަޕޯޓްކުރާ ބަޔަކުން ދިން ހަމަލާއެއް ނަމަވެސް ނުވަތަ އެއީ ހުޅނަގުން ރާވައިގެން ކުރި ކަމެއް ނަމަވެސް، އީރާނަށް މުހިންމުވެފައި އޮތް ކަމެއް ބަޔަކު ކުރުމުން އީރާންގެ ނުފޫޒު ހުޅަނގުގެ ބިތްތަށް ތޮރުފާލައިފި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަލާ އަކީ އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ދިން ހަމަލާއެއް ނަމަ ހުޅަނގަށް ތާއީދުކުރާ މީހުން ހާލާން ޖެހޭ ވަގުތު ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާސިމް ސުލައިމާނީ އަކީ އީރާންގެ "އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް" ގެ ކޮމާންޑަރެކެވެ. އޭނާ މަރާލީ އެމެރިކާގެ ކުރީގެ ރައީސް ޑޮލަންޑް ޓްރަމްޕްގެ އަމުރަށް ޖެނުއަރީ 3، 2020 ގައި ދިން ރޮކެޓް ހަމަލާއަކުންނެވެ.

އެމެރިކާ އާއި ޔޫރަޕުން ގަބޫލުކުރާ ގޮތުގައި އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސް އަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އެ ޖަމާއަތަށް ނިސްބަތްވާ މީހުން މެދުއިރުމަތީގައި ޚާއްސަކޮށް ގަލްފު ގައުމުތަށް އަމާޒުކޮށް ހަމަލާދެ އެވެ.

އެމެރިކާއިން ވަނީ ޖޯން ބޯލްޓަން -- ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަށް ހަމަލާދޭން އުޅުމުގެ ތުރުމަތުގައި އިސްލާމިކް ރިވޮލޫޝަނަރަީ ގާޑް ކޯޕްސްގެ މެމްބަރަކު ހައްޔަރު ކޮށްފަ އެވެ.

ޖޯން ބޯލްޓަން މަރާލަން އުޅުނީ ވެސް ގާސިލް ސުލައިމާނީގެ މަރަށް ބަދަލު ހިިފުމުގެ ގޮތުން ކަމަށް އެމެރިކާ ބުނެ އެވެ.