މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފި

Aug 14, 2022

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން -- ބްރޯޑްކޮމް އިން މުޅިން އަލަށް ދޭން ތައްޔާރުވަމުންދާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022"ގެ ސްޕޮންސަރުންނާ އެކު ސޮއިކޮށްފި އެވެ.

ހ. މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ ވަކިވަކި އެވޯޑުތަކާއި މުޅި އިވެންޓްގެ ސްޕޮންސަރުންނާ އެކު ސޮއިކޮށްފަ އެވެ.

ވަކިވަކި އެވޯޑްތައް ސްޕޮންސާ ކުރި ކުންފުނިތަކަކީ އެމްޕީއެލް، ފެނަކަ ކޯޕަރޭޝަން، މޯލްޑިވިއަން، އެސްޓީއޯ، އަލްޝާލީ މެރިން، ލިޓަސް އަދި މެޑްޓެކެވެ.

އިވެންޓް ސްޕޮންސަރުން

  • އެވޯޑްގެ އެސޯސިއޭޓް ޕާޓްނަރު - އެމްޓީސީސީ
  • ހޯސްޓިން ޕާޓްނަރު - އެޗްޑީސީ
  • އޮފިޝަލް ސްޕޮންސަރުން - ސްޓެލްކޯ އަދި އެފްއެސްއެމް
  • ޑިޖިޓަލް ޕާޓްނަރު - އުރީދޫ މޯލްޑިވްސް
  • އޮޑިޓް ޕާޓްނަރު - ކްރޯ މޯލިޑިވްސް

މިރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްގެ ފަނޑިޔާރުންގެ ނަންތައް ވެސް އިއުލާންކޮށްފަ އެވެ. ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި އެވޯޑްގެ ކަންކަމުގައި އެންމެ އުދަނގޫވީ އެވޯޑްގެ އިތުބާރު ހިފެހެއްޓޭ ވަރުގެ ފަނޑިޔާރުންތަކެއް އިހްތިޔާރު ކުރުމެވެ. މިހާރު ހޮވާލެވިފައި ތިއްބެވީ އެކަމަށް އެންމެ ގާބިލް ބޭފުޅުން ކަމުގައިވެސް ވިދާޅުވި އެވެ.

ބްރޯޑްކާސްޓް އެވޯޑްގެ ފަނޑިޔާރުން

  • ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގައި އުޅުއްވި ޑރ. ލުޖެއިން އިސްމާއިލް ޝަފީގު
  • ފިލްމު ޑައިރެކްޓް ކުރެއްވުމުގައި އުޅުއްވާ މުހައްމަދު ނިޔާޒް (ޓެޑްރީ)
  • ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަދި މާކެޓިންގައި އުޅުއްވާ އިމްޖާދު ޖަލީލް
  • ޓީވީ ޕްރޮޑަކްޝަންގައި އުޅުއްވި މަރިޔަމް ޝައުގީ
  • ޕްރެޒެންޓް ކުރެއްވުމުގައި އުޅުއްވި މަސްއޫދު އަލީ
  • 6. އިންޑިއާގެ އެންކަރު އަމީތާބު ޕަޝޫބަތީ ރޭވީ

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް ދިނުމުގެ ހަފްލާ މި މަހުގެ ތެރޭގައި އޮންނާނެ ކަމަށް ބްރޯޑްކޮމް އިން ކުރިން ބުނި ނަމަވެސް އެވޯޑް ހަފްލާ އޮންނާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑަށް 170 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ. މި އެވޯޑް ދިނުމަށް ނިންމާފައިވަނީ މައިގަނޑު ތިން ކެޓަގަރީއަކުންނެވެ. އެއީ ޖާނަލިޒަމް، އިންޑަސްޓްރީ އަދި ޕްރޮޑަކްޝަންގެ ކެޓަގަރީ އެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި ތަފާތު އެވޯޑްތައް ހިމަނާފައިވެ އެވެ.

މިދިޔަ މެއި މަހު ބްރޯޑްކޮމް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ މަހުގެ ދެވަނަ ދުވަހަށް ހަމަވިއިރު ނުވަ ޓީވީ ޗެނަލަކާއި ތިން ރޭޑިއޯ ޗެނަލަކުން އެވޯޑަށް ކުރިމަތިލާފައިވެ އެވެ.

އެވޯޑަށް ހުށަހެޅުމަށް ފުރުސަތު ދިނީ 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ އޮތް ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ބްރޯޑްކާސްޓްކޮށްފައިވާ އުފެއްދުންތަކަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ހާއްސަ އެވޯޑެއް ދޭން ނިންމީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީ އާލާކޮށް ދެމެހެއްޓުމާއި، ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ ދައުރު އަގުވަޒަން ކުރުމަށެވެ. މީގެއިތުރުން ބްރޯޑްކާސްޓިންގެ ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރު ދިނުމަކީވެސް މިފަދަ އެވޯޑެއް ތައާރަފްކުރި ބޭނުމެއް ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ.