އެޗްޑީސީ

އެޗްޑީސީ އިން އަންހެނުންނަށް ހާއްސަ ހަރަކާތެއް ބާއްވަނީ

Aug 15, 2022

އަންހެނުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި "ވެލްނެސް ފޯ ވިމެން"ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 18 އަދި 19 ވަނަ ދުވަހު އެވެ.

ފުރަތަމަ ދުވަހު ކުރިއަށް ދާނީ ވޯކްޝޮޕަކާއި އެވެއަނެސް ސެޝަން އެކެވެ. ދެވަނަ ދުވަހު ކުރިއަށް ދާނީ އަންހެނުންނަށް ހާއްސަކޮށްގެން ބޫޓް ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

އެޗްޑީސީ އިން ބުނީ މި ހަރަކާތުގައި، ސިއްހަތަށް ފައިދާ ހުރި ކެއުންތަކާއި، މާބަނޑު މީހުންގެ ސިއްހަތާއި އަދި އަންހެނުންނާއި ގުޅުންހުރި ގިނަ ކަންތައްތަކުގެ މައުލޫމާތު ދޭނެ ކަމަށެވެ.

މި ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި، ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރި ކުރުވުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މިއީ އެޗްޑީސީ އާއި ޝަލޫ ދި ޓްރެއިނާ އާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމަށް މިމަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ކުރިން ނަން ހުށަހެޅުމަށް އެޗްޑީސީ އިން ވަނީ އެދިފަ އެވެ.

މި ހަރަކާތުގައި އެއްވެސް ފީ އަކާ ނުލައި ހުރިހާ އުމުރުފުރާއެއްގެ އަންހެނުންނަށް ބައިވެރިވެވޭނެ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.