އީޕީއޭ

ފަރަށް އެރި ބާޖެއް 100 މިލިއަނުން ޖޫރިމަނާކޮށްފި

ވ. އަތޮޅު މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅިން ވަނުމުގެ ތެރޭގައި ފަރަށް އެރި ބާޖެއް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

"އޭއެމް އާގަމް" ނަމަކަށް ކިޔާ އެ ބާޖު ފަރަށް އެރީ އިންޑިއާ އިން ހިލަބަރުކޮށްގެން ވ. ރަކީދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ބާޖު ދަތުރުކުރަމުން ދިޔައީ އޭއެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގް ބޯޓަކާ އެކީ އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ މި ބާޖުން ފަރަށް ލިބުނު ގެއްލުންތަށް ބެލުމަށްފަހު ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނީ އެ ފަރުގެ 6،054 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ފަރަށް ލިބުނު ގެއްލުން ވަޒަންކުރާއިރު 152.5 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވީ ނަމަވެސް އެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ވެސް އީޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެ ފައިސާ ދެއްކުމަށް ބާޖުގެ ރާއްޖޭގެ އެޖެންޓު، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް 30 ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފަ އެވެ.

އީޕީއޭ އިން އިތުރަށް ބުނެފައި ވަނީ ބާޖު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހާއެކު ކުރަމުން އަންނަ ކަމަށެވެ.

މި އުޅަނދުތައް އެކި ފަހަރުމަތިން ރާއްޖޭގެ ފަރުތަކަށް ގެއްލުންދޭ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ.