އިލެކްޝަންސް ކޮމިޝަން

އުސޫލު ގެޒެޓް ނުކުރާތީ ޕާޓީތައް ޖޫރިމަނާއެއް ނުކުރޭ

Aug 16, 2022
1

ސިޔާސީ ޕާޓީތަކަށް ވަނުމަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭ ގޮތަށް ސިޔާސީ ޕާޓީތައް ޖޫރިމަނާކުރާނެ ގޮތްތަކެއް ނިންމާ ދެމަސް ވެގެން ދިޔައިރުވެސް އެ އުސޫލު ގެޒެޓްކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސައްހަ ނޫން ފޯމެއް ޕާޓީއަކުން ހުށަހަޅައިފިނަމަ ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އެ ޕާޓީއަކުން ދެއްކުމަށާއި އެފަދަ ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާ 5،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 10،000 ރުފިޔާ އިން ރަޖިސްޓްރާ ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ އެކަން މީޑިއާގައި ހާމަކުރީ މިދިޔަ ޖޫން އެއްވަނަ ދުވަހު އެވެ.

އޭގެފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ހުރިހާ މެންބަރުންގެ މައުލޫމާތު ހާމަކޮށް، އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަން އެ ކޮމިޝަނަށް ހުށަހެޅުމަށްވެސް އަންގާފަ އެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ ޕާޓީތައް ޖޫރިމަނާ ކުރަން ކޮމިޝަނުން ނިންމުމުން އެފަދަ ފޯމްތައް ކޮމިޝަނަށް ލިބުން ވަރަށް ބޮޑަށް މަދުވެގެން ގޮސްފައިވާ ކަމަށެވެ.

ފުވާދު ވިދާޅުވީ ޕާޓީތައް ޖޫރިމަނާ ކުރާނެ އުސޫލެއް ކޮމިޝަނުން ހަދާ ޕާޓީތަކާ އެ މައުލޫމާތު ހިއްސާކުރުމުން ޕާޓީތަކުން ކަންބޮޑުވާ ކަންތައްތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންވެ ޖޫރިމަނާ ކުރާ އުސޫލު ގެޒެޓްކޮށް އެ އުސޫލަށް އަމަލުކުރަން އަދި ފަށާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ޕާޓީތަކުން އެބަ ބުނޭ ޖޫރިމަނާގެ އަދަދު ބޮޑު ކަމަށް. އަނެއްކާ ސައްހަ ނޫން ކޮންމެ ފޯމަކަށް ރަޖިސްޓްރާ 5،000 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމާތީ ޕާޓީތަކަށް ރަޖިސްޓްރާ އިން މިހާރު ނުލިބޭ ކަމަށްވެސް ބައެއް ޕާޓީތަކުން އެބަ ބުނޭ. މިކަހަލަ ކަންބޮޑުވުންތަކެއް ޕާޓީތަކުން ހުށަހަޅާތީ ޖޫރިމަނާކުރުމުގެ އުސޫލު އަދި ގެޒެޓްކޮށް އަދި އެއްވެސް ފަރާތެއް ޖޫރިމަނާއެއް ނުކުރެވޭ،" ފުވާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީ ތަކުގެ ކަންބޮޑުވުންތަކާ މެދު ކޮމިޝަނުން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމަންޖެހޭނަމަ އަންނަ މަހުގެ ކުރީކޮޅު ގޮތްތަކެއް ނިންމާނެ ކަމަށެވެ. ނަމަވެސް ޖޫރިމަނާގެ އަދަދު ކުޑަކުރުމުގެ ވިސްނުމެއް އަދި ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

ފުވާދު އިތުރަށް ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅައިގެން ނަމަވެސް ސައްހަ ނޫން ފޯމް ހުށަހަޅާ މައްސަލަ ހައްލުކުރަން ކޮމިޝަނުން ބޭނުންވާ ކަމަށެވެ. މީހަކަށް ނޭނގި އެމީހާ ސިޔާސީ ޕާޓީއެއްގައި ހިމެނުމަކީ ގާނޫނުތަކާއި ގަވައިދުތައް ތަންދޭ ކަމަކަށް ނުވާތީ އެފަދަ ޝަކުވާތަކަށް ވެސް ހައްލު އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ފުވާދު ވިދާޅުވެފައިވެ އެވެ.